ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތ.ދިޔަމިގިލީގައި ސަރުކާރުން ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ.

ތ. ދިޔަމިގިލީގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ. އެ މަޝްރޫއަށް ސަރުކާރުން ޖުމުލަ 28.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ދިޔަމިގިލީގައި ނަރުދާ ނިޒާމުގެ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 28 ސެޕްޓެމްބަރު 2015 ގައިއެވެ.

އެންވަރަޔަމަންޓް މިނިސްޓްރީއިން މަޢުލޫމާތު ދޭގޮތުގައި އެ މަޝްރޫއުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދެވިފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، ޑިޒައިން ކުރުމާއި އީ.އައި.އޭ ގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން ދިޔަމިގިލީގައި 2 ޕަމްޕް ސްޓޭޝަން ބަހައްޓައި ނަރުދަމާ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި އެ ރަށުގެ 233 ގެއަށް ވަނީ އެ ހިދުމަތް ދެވިފައެވެ.

މީގެއިތުރުން ދިޔަމިގިލީގައި އުފެދޭ ނަޖިސް ބޭރުކުރުމަށް 200 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އެޅިފައެވެ. މި މަސައްކަތް ނިމުމާއި އެކު ނަރުދަމާ ނިޒާމު ހިންގަ ބެލެހެއްޓުމާއި ހިދުމަތް ދިނުމުގެ ޒިންމާ ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު އަޖުވަދު

    މިއީ ރައްޔިތުން އެދިއެދި ތިބި ތަރައްޤީއަކީ. މިފަދަކަންކަން ރައީސް ޔާމީންގެ ސަރުކާރުން ހުއްޓުމެއްނެތި އެގެންދަވަނީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށެއްގައި ކުރަމުން. މިސަބަބަށްޓަކައި، މުޅިރާއްޖޭގެ އަގުލަބިއްޔަތު ރައީސް ޔަާމިން އަށް އޮތީ. ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ތިބީ ފެންބޮވައިގެންފަ.