ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ހާއްސަ ކެމްޕެއިން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިޖަލްސާ އޮންނާނީ މިރޭ 21:30 ގައި ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ މ.ކުނޫޒުގައެވެ. މި ޖަލްސާއަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާނެ ކަމަށް އިދިކޮޅުފަރާތްތަކުން ބުނެއެވެ.

މި ޖަލްސާ ބާއްވަން ތައްޔާރު ވެފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް އަތޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާލައްވައި، މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.

މިރޭ ޖަލްސާއެއް ބޭއްވުމަށްފަހު އަނެއްކާވެސް ދޮރުން ދޮރަށް ކެމްޕެއިންގެ އިތުރުން އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ކެންޑިޑޭޓާއި ރަނިންގ މޭޓް ކުރައްވާ ދަތުރުފުޅުތައް ކުރިއަށްދާނެކަމަށް ޕާޓީތަކުން ހާމަކުރެއެވެ.

މިރޭ ހާއްސަ ޖަލްސާ އެއް ބާއްވަން ނިންމާފައިވާއިރު އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބާއްވަން ތާވަލުކުރި ބޮޑު ޖަލްސާ ވަނީ ފަހުގެ ތާރިހަކަށް ފަސްކޮއްފައެވެ.

ހުކުރު ދުވަހުގެރޭ ދަރުބާރު ގޭގައި އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމަށް އެތަން ދޫކުރުމަށް ހައުސިންގ މިނިސްޓްރީއިން ނިންމައި، އެކަން އެންގީ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުކުރި ފަހުންކަމަށް އެމްޑީޕީއިން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރިޔާސީ އިންތިހާބަށް އެފަރާތް ތަކުން ކުރަމުންދާ ކެންޕެއިންއަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށެވެ. އަދި ކެންޕެއިން ކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށާއި ރައީސް ޔާމީންގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އަންނަ މަހު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުއް ފެންނަށް އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަނަނީ މައްސަކަތް ކުރަމުނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މައްސަކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު