މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައި އޮންނަ އަދަބު ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވައިދަށް މިއަދު އިސްލާހެއް ގެނެސް ކުށްވެރިންގެ އަދަބު ލުއިކުރުމުގެ ޝަރުތެއް އިތުރަށް ލުއި ކޮށްދީފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައިވާ އިސްލާހުގައިވާ ގޮތުން އެމީހަކީ، އެމީހަކާ ދެކޮޅަށް ޝަރުޢީ ކޯޓެއްގައި ޖިނާޢީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހަކު ކަމުގައި ވާނަމަ އެދައުވާއަކީ ޤަވައިދުގެ (4) ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާއަކަށް ނުވެފައި އެދައުވާ އުފުލުނު ތާރީޚުން ފެށިގެން ޙުކުމް ނުކުރެވި މީލާދީ ގޮތުން އެއް އަހަރު ފާއިތުވެފައިވުމަކީ ކުށުގެ އަދަބަށް ލުއި ދިނުމުގައި ގެންގުޅޭ މިންގަނޑުގެ ދަށުން ޝަރުތު ހަމަވާ މީހެއް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

މީގެ ކުރިން އެމާއްދާގައި އޮންނަނީ އެމީހަކާއި ދެކޮޅަށް އެއްވެސް ކޯޓެއްގައި އެއްވެސް ޖިނާޢީ ދައުވާއެއް އުފުލިފައި ވާނަމަ އަދަބަށް ލުއި ދިނުމުގައި ގެންގުޅޭ މިންގަނޑުގެ ދަށުން ޝަރުތު ހަމަނުވާނެ މީހެއް ކަމަށެވެ.

އަލަށް ޤަވައިދަށް ގެނައި އިސްލާހުގެ ދަށުން ވެސް ބޮޑެތި މައްސަލަތަކުގައި ޙުކުމް އިއްވާފައިވާ މީހުންގެ އަދަބު ލުޔެއް ނުކުރެވޭނެއެވެ. އޭގެތެރޭގައި މީހުން މެރުމާއި، އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި، މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި ބިރުދެއްކުމާއި ތޫނު ހަތިޔާރު ބޭނުން ކުރުމުގެ ކުށްތައް ހިމެނެއެވެ.

ޤަވައިދަށް އަލަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ.