އެމްޑީޕީއާއެކު، އިދިކޮޅު ކޯލިޝަނުގައި ތިބި ޕާޓީތަކާމެދު ހަމްދަރުދީވާކަމަށާއި، އެމްޑީޕީ އިން ކޯލިޝަނުގައި އޮތް އެހެން ޕާޓީއަކަށް ހަމްދަރުދީ ނުވާނެކަމަށް ރައީސުލުމްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، މިއަދު ތ.ދިޔަމިގިލީގައި، އެރަށު ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިޔަމިގިލީގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ކޯލިޝަނަކާއެކު ކުރިއަށް ވަޑައިނުގެންނެވޭކަން އެނގޭކަމަށާއި އެމްޑީޕީ އިން، ކޯލިޝަނުގައި އޮތް އެހެން އެއްވެސް ޕާޓީއަކަށް ރަހުމެއް ނުބަހައްޓާނެ ކަމަށެވެ.

ހަމައެހެންމެ، ކޭކު ލިބުމުގެ ކުރިން، ކޭކު ފަޅާނެ ގޮތުގެ ރޭވުންތައް ރާވާނެކަމަށާއި އެހެންނަމަވެސް، ކޭކު ފަޅާނެގޮތް، ސީދާ އެނގޭނީ، ކޭކު ލިބުމުންކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަނުގެ ބައެއް ކަންކަމަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ކޭކު ފޮއްޗެއް ލިބިއްޖެޔާ ބައި އަޅާނެ ގޮތް ކިޔައިދެވިދާނެ ކޭކު ފޮއްޗެއް ލިބެންދެން. އެކަމަކު ކޭކު ފޮތި ލިބުނީމާ ބައި އަޅާގޮތް. ކިހާ ވަރަކަށްތޯ ކޭކު ފަޅާ މީހާ ދަހިވެތިވަނީ، އެއީ މީގެ ކުރިންވެސް ފެނިފައި ހުރި ކަންކަން. އެހެންވީމާ މިއަދު ކޮންމެ ބަޔަކަށް މިވެނި ޕަސެންޓޭޖެއް ދޭނަމޭ ބުނެވިދާނެ. އެހެންނަމަވެސް، މީގެ ޙަޤީޤަތެއް މާ ދުރު ނޫން މާޒީން ފެނިފައި އެބަ އޮތް. ކޭކު ފޮތި ބައި އެޅުނުތޯ. ކޭކު ފޮތި ބައި އަޅައިގެން، އެކޭކު ފޮތީގެ ރަހަ އަރުތެރޭގައި ހަރުލާކަމަށް ވަންޏާ ޤާސިމް އިބްރާހީމް، ހޯމް މިނިސްޓަރުކަމުން، ތިން ހަފްތާ ނުވަނީސް ވަކިވެގެން ދިޔައީސްތޯ." ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މިއަދު މިކަހަލަ ވާހަކަ ދެއްކީމާ އަޅުގަނޑު ވެސް ދަންނަވާނީ އަޅުގަނޑު ވެސް މިކަންކަމަށް ވިސްނަން ޖެހެއޭ. އަދި، އެބޭފުޅުން އެއުޅޭ ހާލަތާމެދު ވެސް އަޅުގަނޑު ހަމްދަރުދީވެސް ވެއޭ." ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި، އިންތިޙާބުގައި ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ، އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ، ކޯލިޝަން ދަމަހައްޓަން، ޤާނޫނެއް ހަދާނެކަމަށް ބުނެފައިވާ ބުނުމަށްވެސް ރައީސް ފާޑު ވިދާޅުވެފައިވެއެވެ. އަދި، ޤާނޫނަކުން މިކަންކަން ރެގިއުލޭޓް ކުރާތީ، އެފަރާތްތަކުގެ ޙާލު ރަނގަޅަށް ދެނެވަޑައިގަންވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އިސްލާމް ދީނުގެ ވާހަކަ ނެތް ނެތުމަށް، ރައީސް ޔާމީން ވިދާޅުވަމުންދާ ފާޑު ކިޔުއްވުން، މިއަދު ވެސް އެމަނިކުފާނުވަނީ ތަކުރާރު ކުރައްވާފައެވެ. އެހެންކަމުން، އެފަރާތްތަކަކީ، ރައްޔިތުންނަށް ހެވެއް އެދިގެން އުޅޭ ބައެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި، މި ވޯޓަކީ، ސިޔާސީ ވޯޓެއް ނޫންކަމަށާއި، މިއީ ސިޔާސީ ވޯޓެއް ކަމަށް ރައްޔިތުން ވިސްނައިގެން ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖޭގައި އިސްލާމް ދީން އޮންނާނެކަމަށް ދުލުން ބުނުމަކީ، އުނދަގޫ ވެގެންވާނެކަމަށް ނުވާއިރު، އިދިކޮޅު ފަރާތްތަކުން އެކަން ނުކުރަނީ ކީއްވެތޯވެސް ރައީސް ސުވާލު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަޙީމު

    އެކޮއެ އިންތިޚާބު ނިމޭއިރަށް ފިލާނެ! ގަޓެއްނުހުންނާނެ! މީގަ އަތުވާނީ އަހަރެން!

  2. މައުސޫމު

    މީނާ ދައްކާވާހަކައަށް ކޮމެއްތެއްވެސް ކުރާނެ ވާލެއްނުވަނީތޯ ކޮމެންތެއހައިވަރުވެސް ނުވަނީ. ހާދަ ދެރެވަރު ރަީސެކޭ މީ.