އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތަށް ތަރުތީބްކުރުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދީފިއެވެ

އިލެކްޝަނުން މިއަދުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒުގައެވެ.

އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވާ އިރު ކުރިމަތި ލެއްވީ ތިން ފަރާތަކުންކަން ފާހަގަ ކޮށްލެވެއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)، ރައީސް އަބްދުﷲ ޔާމީން އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރެވެ.

އޭގެތެރެއިން އިބޫއާއި ރައީސް ޔާމީންގެ ފޯމު އިލެކްޝަނުން ބަލައިގަނެފައިވާ އިރު ހުސައިން ނަސީރުގެ ފޯމު އިލެކްޝަނުން ވަނީ ބާތިލުކޮށްފައެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން އާއި އިބޫ އެވެ.
.
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާ އިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު 260000 ވުރެ ގިނަ މީހުންނަށް ލިބެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ދެ ކެނޑިޑޭޓުންވެސް ގެންދަަވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް ހަރަކާތްތަށް ހިންގަމުންނެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަމަހުގެ 23 ވަނަ ދުވަހުއެވެ.