އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވެ ދިވެހި ތިން އާއިލާއެއްގެ ގެއަށް ފެންވަދެ، އެމީހުން ހާލުގައި ޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ތިން އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް އާއިލާ އަކުން ގެތައް ދޫކޮށް ނިކުމެފައެއް ނުވެއެވެ.

އެމީހުން ވަނީ ގޭގެ ތިރީ ފަންގިފިލާފައި ފެން ބޮޑުވުމުން މަތީ ފަންގިފިލާތަކަށް ބަދަލު ވެފައެވެ. ތިން އާއިލާގައި ހިމެނެނީ ކިތައް މެންބަރުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކެރެލާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ސްޓޭޓް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކެރެލާގެ 14 ޑިސްޓްރިކްޓްގެ ތެރެއިން 12 ޑިސްޓްރިކްޓެއްގައި ވަނީ ރެޑް އެލާޓް ނެރެފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޓްރެވަންޑްރަމް ވެސް ހިމެނެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން 37 މީހުން މަރުވެ ހަލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ސަރުކާރުގެ އޮފިޝަލުންނާއި ގިނަ އަދަދެއްގެ އަމިއްލަ ޖަމާޢަތްތަކުގެ މެންބަރުން މިހާރު ވަނީ ނިކުމެފައެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއަދާއި މާދަމާ ވެސް ކެރެލާ އަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ވެސް މިހާރު ފެށެން އޮތީ ވާރޭ ވެހުން ހުއްޓާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުސްތޮ

    އެހެންވީމާ ސާދޫމަށް ފަހު ބަންޑުންޖެއްސެވީ އިންޑިޔާ ކޯރެއްތާދޯ

  2. އަލީ

    ތީ އެތާގެ ބޮޑުވަޒީރުގެ މަސްއަލައެއްތޯ