ފުރިހަމަ މައުލޫމާތާއި ތަފާސްހިސާބާއެކު، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ބައެއް ވާހަކަތަކަށް، ރައީސުލުމްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައްދު ދެއްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން، މި ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު، ރިސޯޓުތައް ނުހެދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް، ރައީސް ޔާމީން ރައްދު ދެއްވާފައިވަނީ، ތ.މަޑިފުށީގައި، ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫޢުތައް ނިމުމުގެ އުފާ ފާޅުކުރުމުގެ ގޮތުން، މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، ރައީސް ޔާމީންވަނީ، އެމަނިކުފާނުގެ ވެރިކަމުގައި، ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި ގިނަ އަދަދެއްގެ ރަށްތައް ދޫކޮށްފައިވާކަމަށާއި އެތަންތަން ހެދުމަށް އިންވެސްޓަރުން ނާންނަކަމަށް އަދި، އިންވެސްޓަރުންނަށް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް، ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ޓޫރިޒަމް ތަރައްޤީ ކުރަން ކުރާ މަސައްކަތަކީ ހަޤީޤަތުގައި ރަށްރަށަށް، ޓޫރިޒަމް ތަރައްޤީ ކުރުމުންދާ ސަރަޙައްދުތަކަށް އާމްދަނީއާއި ތިޔާގިކަން އިތުރުކުރުމަށް ކުރާ މަސައްކަތް. އަދި، އޭގެ ބޭނުމަކަށްވަނީ ޒުވާނުންނަށް އެތައް ހާސް ވަޒީފާއެއް ހޯދައިދިނުން. އެކަންކަން ކުރަމުން އަންނާތީ، އެއް ބޭފުޅަކު، އެމްޑީޕީގެ އެންމެ އިސް ބޭފުޅަކު ވިދާޅުވި، ރައީސް ޔާމީން ބަލައި ނުލާ ރަށް ރަށް ދޫކުރީމާ މި ވާގޮތަކީ ރަށްރަށް ހަދާނެ ބަޔަކު ނާދެއޭ. އަޅުގަނޑު އެއަށް ރައްދު ދެންނެވިން. މިހާރު ހަމަ އިސްބޭފުޅަކު ވިދާޅުވީ ހަމަ އެތަންތަން ނުހެދި ހުރީ ހަމަ އެކަނި އެހެންވެގެންނެއް ނޫނޭ." ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.

"މި ސަރުކާރުން އިންވެސްޓަރުން ކުރާ މަސައްކަތަށް ހުރަހޭ އަޅަނީ. ދެން އެހެންވީމާ ރާއްޖެއަށް މި ރަށްރަށް ހަދާކަށް ބޮޑެތި އިންވެސްޓަރުންނެއް ނާންނާނެއޭ." ރައީސް ވިދާޅުވިއެވެ.

މިކަންކަމަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، ޖުމުލަ 30 ރިސޯޓު ހަދާ ނިންމާފައިވާކަމަށެވެ. ހަމައެހެންމެ، މި އަހަރުގެ ނިޔަލަށް ނުވަތަ މި އަހަރުގެ ޑިސެމްބަރު މަސް ނިމެންވާއިރަށް، އިތުރު 21 ރިސޯޓު ހަދާ ނިންމާލެވޭނެކަމަށްވެސް، ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ތަފާސްހިސާބަށް އަލިއަޅުވާލައްވާ އިތުރަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު ރިސޯޓުގެ މަސައްކަތް ފަށާ، ކުރިއަށް ދަނީވެސް، މި ސަރުކާރުގެ ދުވަސްވަރުކަމަށެވެ. އެއީ، މާލެ އަތޮޅުގައި ހަދަމުންދާ އެނބޫދޫ ފިނޮޅުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ތަފާސްހިސާބު ދަންނަވާލާނަން. އަޅުގަނޑުމެންގެ ސަރުކާރުގައި މިހާތަނަށް ނިންމައިފީމު 30 ރިސޯޓު. އަދި، އިތުރު 21 ރިސޯޓު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭނެ. މި 21 ރިސޯޓުގެ 70 ޕަސެންޓު މަސައްކަތްވަނީ ނިމިފައި. މީގައި ކޮބައިތޯ ރިސޯޓު ނުހެދިފައި. އެންމެ ގިނަ ރިސޯޓު ހަދާފައި މިއޮތީ މި ސަރުކާރުގެ ތެރޭގައި. ގާތްގަނޑަކަށް 51 ރިސޯޓު އެނިމެނީ ޑިސެމްބަރު 31 އާ ހަމައަށް. އެހެންވީމާ ރިސޯޓު ހަދަން މީހުން ނާދޭތޯ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވެފައިވަނީ، 12 އަހަރުގެ މުއްދަތެއްގައި، ތިން ސަރުކާރަކުން ހަދަން މަސައްކަތް ކޮށްފައިވާ އެއަރޕޯޓެއްގެ މަސައްކަތްވެސް ނިންމާފައިވަނީ މި ސަރުކާރުން ކަމަށެވެ. މިއީ، އިއްޔެ ޓެސްޓް ފްލައިޓުތައް ޖައްސާފައިވާ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް އެވެ.

މިކަންތައްތައް ވިދާޅުވެ، ރައީސް ވިދާޅުވެފައިވަނީ މިކަންތައްތައް ވިސްނުމުގެ ބާރު، އިދިކޮޅުގައި ނެތީތޯއެވެ.

"ދެން ކޮބައިތޯ މި ބޭފުޅުން މި ދައްކާ ވާހަކަ. އެއްވެސް ވަރަކަށް ތަފާސްހިސާބެއް ނުވަތަ އެއްވެސް ވަރަކަށް ރާއްޖޭގައި ކަންތައްތައް ހިނގާ ގޮތް، ނޭނގި، މި ބޭފުޅުން މިހާރު ސިޔާސީ ހަރަކާތުން ދުރުވީމާ އަޅުގަނޑު ހިތަށް އަރަނީ ނުވިސްނެނީއޭ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާނާ

    މަނކުފާން ތިޔަ ވިދާޅުވީ ތެދުފުޅެއް އެބޭފުޅުން ހިސާބު ހައްދަވަނީ ސައިންސްގެ އަލީގަ ޔޯ އެހެންވީމަ މަނިކްފާން ތިޔަހައްދަވާ ހިސާބާ ދިމާ ނުވަނީ ހަހަހަހަ

  2. އަލީ

    ނަޝީދުމެން ފިތުނަ ފަސާދަ ކުރުންނޫންކަމެއް ނުކުރޭ.

  3. އަބޯ

    އެމްޑީޕީ އުވާލުމުން ބޭރު ގައުމުތަކުން ފިއްތަމުންގޮސް ނާރުތައް ފިތާލިޔަސް ގައުމަށް ފާގަތިކަމާ ހަމަޖެހުން އަންނާނެކަން ޔަގީން .ދިވެހިންނަށް އުފާފާގަތިކަމާ ތަނަވަސްކަން ލިބޭނެ.ރާއްޖެއަށް އައުމަށް ރެޑިވި އެތައްމަސްރޫއެއް ހުއްޓުވައިފި . ރާއްޖޭގެ ބޭންކްތަކަށް ޖަމާކުރަންބޭނުންވި އެތައް ބިލިޔަން ޑޮލަރު ޖަމާވިޔަ ނުދީ ހުއްޓުވައިފި މިހުރިހާ މަސްރޫއުތައް އައިސް އެރހުރިހާ ޑޮލަރު ދިވެހި ބޭންކްތަކަށް ޖަމާވިނަމަ ދިވެހިންނަށް ޑޮލަރު ލިބޭނެ އަގު ދަށްވެ .ދިވެހިންނަށް މުދާ އަގުހެޔޮވެގެންދާނެ 2011 ގަ 20 ރުފިޔާއަށް ގަންނަން ލިބުނު ޑޮލަރު މިހާރު 15.8 އަށްލިބޭ އެވެސް ބޮޑުކުރިއެރުމެއްނޫންބާ. . މީހާރުވެސް ގާނޫނާ ހިލާފަށް އެތައްކަމެއްކޮށް ސަރުކާރަށް ގޮންޖެހެމުންދާއިރު އެމްޑީޕީ އުވާނުލާ ވާން އެބައޮތްތޯ ؟ޑިމޮކްރަސީއޭ ކިޔަސް ނުކިޔަސް އެމްޑީޕީ އަކީ ގައިރުގާނޫނީ ޖަމާއަތެއް ކަމަށް ނަހަދާ ވާކަށެއްނެތް.މިޖަމާއަތުގެ ސަބަބުން ގައުމަށް ހަމަޖެހުންނައިސް ދިގުލާ ރައްޔިތުންނަށް އެތައް ދުއްތުރާ ލިބެމުންދޭ . ބޭރަށް ވިސާލިބުން ދަތިވޭ ބޭރުގާ ދިރިއުޅުމަށް ދަތިވޭ މިހުރިހާކަމަކަށް ހައްލު ހޯދޫމަށް އެމްޑީޕީ އުވާލުމަށް ގޮވާލަން

    • ްއައިންތު

      މުޅިގައުމު މިދައްކަނީ ދެން ކޮންވާހަކައެއްބާ..ހެހެހެ