ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް، ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ކަނޑައަޅުއްވާފައިވަނީ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އިއްޔެ ނެރުއްވާފައިވާ ޤަރާރަކުންނެވެ.

މި ޤަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ހައިކޯޓުގެ އުތުރުގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވުމާއި އެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިއަށް ގެންދިޔުމަށެވެ.

އަދި އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް ވެސް ވަނީ އަންގާފައެވެ.

ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށް ހައިކޯޓުން މައުލޫމާތުދެއެވެ.

އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށްވެސް އެ ކޯޓުން ވިދާޅުވިއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިރުޝާދާއި އެކު، ދެކުނު ގޮފީގެ މަސައްކަތްވެސް އަލުން މިހާރުވަނީ ފެށިފައެވެ.