ދޮށީ އުމުރު މީހުންގެ ސިޔާސަތު ތަންފީޒް ކުރުމަށް އެކުލަވާލާ ނެޝަނަލް އެކްޝަން ޕްލޭން ވެލިޑޭޓް ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ފެމިލީގެ ފަރާތުން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި އެކްޝަން ޕްލޭންއަކީ އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކޮށް، މުޖުތަމައުގައި އެމީހުންގެ ބައިވެރިކުރުން އިތުރު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްލޭންއެކެވެ.

މިއަދު ބޭއްވި މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެފައިވަނީ، ދޮށީ އުމުރުގެ މީހުންނަކީ ފުދުއްތެރި ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަވަމުން ގެންދާކަމަށާއި 2014 ވަނަ އަހަރުންފެށިގެން ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ސަރުކާރުން ވަނީ ބޮޑު ކޮށްދެއްވާފައި ކަމަށާއި އުމުރުން 65 އަހަރު ފުރިފައިވާ ހުރިހާ ރައްޔިތުންނަށް އެ އިނާޔަތް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއިން ވަނީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ދޮށީ އުމުރުގެ މީހުންގެ ގައުމީ ސިޔާސަތު އެކުލަވާލާފައެވެ. މި ސިޔާސަތު ޚާއްސަ ކުރެވިފައިވަނީ، ދޮށީ އުމުރުގެ މީހުންގެ އަޅާލުމާއި ރައްކާތެރިކަން، މިނިވަންކަމާއި ބައިވެރިވުން، ސިއްހަތާއި ދުޅަ ހެޔޮކަން އަދި ދޮށީ އުމުރަށް ތައްޔާރުވުމުގެ މައްޗަށެވެ.

އޭގެ އިތުރުންވެސް، ދޮށީ އުމުރުގެ މީހުންނަށް ކުރާ އަނިޔާއާއި އެމީހުންނަށްވާ އިހުމާލުންނާއި އެމީހުންގެ ފަރާތުން ލިބި ގަންނަ ނާޖައިޒް ފާއިދާ ނަގާ މައްސަލަތައް އަދުގެ މުޖުތަމައުގައި ހިނގަމުންދާތީ މިނިސްޓަރު ޒެނީޝާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފާއިތުވެދިޔަ 6 މަސްދުވަސްތެރޭވެސް އުމުރުން ދުވަސްވީ މީހުންނާ ގުޅޭ 47 މައްސަލައެއް މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށްފައި. މީގެ ތެރޭގައި އާއިލާއިން އަޅާނުލުމުގެ މައްސަލަ ތަކާއި ދޮށީ އުމުރުގެ މީހުން މުޖުތަމައުއިން އެކަހެރި ކޮށް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކިއެކި އަނިޔާތައް އެ ފަރާތްތަކަށް ކުރާ ކަމުގެ މައްސަލަތައް ލިބޭކަން ހިތާމައާއިއެކު ފާހަގަކުރަން." މިނިސްޓަރު ޒެނީޝާ ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ދޮށީ އުމުރުގައިވެސް މުޖުތަމައުގެ ކަންކަމުގައި އެ ފަރާތްތަކަށް ހިއްސާ ވެވޭނެ ގޮތްތަކާއި ކަންކަން ނިންމުމުގައި އެފަދަ ފަރާތްތަކުގެ ބައިވެރިކުރުން އިތުރު ކުރެވޭނެ ގޮތްތަކުގެ މައްޗަށް މިއަދުގެ މި ވޯކްޝޮޕްގައި ރިއާޔަށް ކުރުމަށް މިނިސްޓަރު ޒެނީޝާ ވަނީ އިލްތިމާޒްކޮށްފައެވެ. އަދި އެކްޝަން ޕްލޭންގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލް ކުރެވޭ މިންވަރު ބެލޭ ފަދަ ރިއަލިސްޓިކް ޕްލޭނެއް އެކުލުމުގެ ވިސްނުމާއިއެކު ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށްވެސް ޒެނީޝާގެ ވާހަކަފުޅުގައި އޭނާވަނީ އެދިފައެވެ.

މިއަދުގެ މި ވޯކްޝޮޕްގައި، އަނިޔާގެ މައްސަލަތަކާއި ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.