މާފުށިން ފެނިގެންދަނީ ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާ އެކު ދުރު މުސްތަގުބަލަށް ވިސްނައިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މާފުށީގައި ލޯކަލް ޓޫރިޒިމްގެ ސިނާއަށް ކުރިއެރުވުމަށް ބިން ހިއްކާނެ ކަމަށް އިދުކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ އެތަށް ދިމާއެއް މި ރާޢްޖޭގައި އެބައޮތް ކަމަށާއި އެގޮތުން ގުދުރަތީ ގޮތުން ރާޢްޖެ އުފެދިފައި މިއޮތީ މުއްސަނދި ގައުމެއް ގޮތަށް ނަމަވެސް އޭގެ ބޭނުން މިހާތަނަށް އޮތީ ނުހިފި ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު ފެއްޓެވި ގެސްޓް ހައުސްގެ ސިޔާސަތުގެ ދަށުން މާފުށި ބަދަލުވެފައިވާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

"މި ރަށުގައި 52 ގެސްޓް ހައުސް އެބަހުރި. ސާދަސަތޭކަ އެނދު އެބަހުރި. ހަސަތޭކަ އެނދު އިތުރުކުރުމުގެ މަސައްކަތް އެބަކުރޭ. 5 ޑައިވިން ސެންޓަރު އެބަހުރި. އާބާދީގައި 1900 މީހުން އޮތްްއިރު ރަށުގައި 3 ގުނަ މީހުން ދިރިއުޅެމުން އެބަދޭ. ވަޒީފާގެ ފުރުސަތުތަށް މިވަނީ ފަހިވެފައި" އިބޫ ވިދާޅުވިއެވެ.

މާފުށީގެ ތަރައްގީއަށްޓަކާާ ރައީސް މައުމޫންގެ ވެރިކަމުގައި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި އަދި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް މާފުށީގައި ފެއްޓެވި މަސައްކަތްތައް އެމަނިކުފާނު ވެސް ނިންމަވާދެއްވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރާޢްޖޭގައި ގެސްޓް ހައުސް ގެ ސިޔާސަތު ލޯކަލް ޓުއަރިޒަމް ފެތުރި ފުޅާވެގެން އަންނައިރު މި ރަށުން ފނިގެން މިދަނީ އޭގެ އަލި ގަދަ ދަލީލެއް ކަަމަށްވެސް އިބޫ ވަނީ ފާހަގަ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަންފަވާއިރު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމްވެސް ދަނީ އިދުކޮޅު އިއްތިހާދަށް ދާއިދު ހޯއްދެވުމަށް އއ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެންޕެއިން ހަރަކާތްތަށް ހިންގަމުންނެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަަ މަހުގެ 23 ވާ އާދިއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާސްޓަރ

    ކިޔޭ ނުކިޔޭ އެއްއެގޭތަ މިމީހުންނަށް. ޖަޒީރާގައި ބިންހިއްކުން އެއީ އޮންނަކަމެއް ނޫން.

  2. حسين

    މީ އެއްވެސް ތާކުންތާކުޖެހޭ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން. މިހާރު ރާއްޖޭގެ އެތައް ރަށެއްގެ ބިން ހިއްކަމުން އެ ދަނީ. ކޮންމެވެސް މޮޅު އެހެން ކަމެއްގެ ވާހަކަ ދައްކަވަ ބައްލަވަ.

  3. ހުސޭނުބޭ

    އެއްކަލަ 3 އަހަރުގައި ކުރެވުނު އެއްވެސް ކަމެއް ނެތެއްނު! ދެން ކިނިނެއް އަލުން ތިކަންތައްތައް ކުރާނީ!