އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ހާލުގައި ޖެހުނު ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ހާލުގައި ޖެހުނު ދިވެހިން ރައްކާތެރި އެހެން ހިސާބުތަކަށް ބަދަލުކޮށް އެމީހުންގެ ހާލު ވަރަށް ގާތުން ބަަލަމުންގެންދާ ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ކުރި ޓުވީޓެއްގައި ވަނީ ބުނެފައެވެ.

ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ހަތަރު އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ވަނީ ފެންވަދެފައެވެ.

ކެރެލާ ސްޓޭޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ އެންމެ ބޮޑު ޙާދިސާގައި މަރުވި މީހުންގެ އަދަދު، 79 އަށް އަރާފައިވާކަމަށް، އެޤައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ، ނޫސްތަކުން ބުނެފިިއެވެ.

ހަމައެހެންމެ، ކެރެލާގެ މައި އެއަރޕޯޓުކަމުގައިވާ ކޮޗިންގެ އިންޓަނޭޝަނަލް އެއަރޕޯޓު ބަންދުކޮށްފައިވާއިރު، ފެންބޮޑުވެ، އާއްމު ދަތުރުފަތުރަށްވެސް ހުރަސް އެޅިފައިވުމުން، ބައެއް ހޮސްޕިޓަލުތަކުގެ އޮޕަރޭޝަންތަކަށްވެސް ބުރޫ އަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، ބައެއް ސަރަޙައްދުތަކުގައި އަޅާފައިވާ ފާލަންތަކާއި ދާލަން (ބްރިޖު) ތައްވެސް ވެއްޓެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ފެންބޮޑުވުމުގެ ޙާދިސާގައި އަދިވެސް މީހުން ހާލުގައި ޖެހެމުންދާއިރު، އެފަރާތްތަކަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް، ކެރެލާގެ ޗީފް މިނިސްޓަރު، ޕިނާރަޔީ ވިޖާޔަންވަނީ، އެޤައުމުގެ މަރުކަޒީ ސަރުކާރުގައި އެދިފައެވެ. މިކަމަށް އިޖާބަ ދީ، އެޤައުމުގެ ޑިފެންސް މިނިސްޓްރީ އިންދަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާނޭ އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަޔް ކުރަމުންނެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެންބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެން ވަނުމުގެ ސަބަބުން، އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. މި ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ވަގުތީ ހިޔާތަކުގައި، 50،000 މީހުން ދިރިއުޅެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެރެލާގެ ޙާލަތު ގޯސްވެފައިވާއިރު، ހާލުގައި ޖެހިފައިވާ ފަރާތްތައް ސަލާމަތްކުރުމަށާއި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތުގައި، އެޤައުމުގެ ކާރިސާތަކަށް އިޖާބަދޭ ފައުޖުގެ މެންބަރުންނާއި އަސްކަރިއްޔާ އަދި ކަނޑުގެ އަސަކަރިއްޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މި މަސައްކަތުގައި، އަދިވެސް ގިނަ އިންސާނީ ވަސީލަތް ބޭނުންވާކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، ނޫސް މީޑިޔާތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮބާތަ މޯދީގެ ސިފައިންތައް. އެ.މީހުން ކީއްކުރަނީ. ތި ޑިންގީގަޑުގަ ތަކެތި އުފުލާ ކަންތައްވެސް ކުރަން ޖެހުނީ އަމިއްލައައްދޯ. މިރާއްޖޭގެނަމަ. ތިގޮތައްވާ ގޭގެ ހުސްކޮއް މީހުން އުފުލާ އެގޭގެ ފެންހިންދާ އެނދު ތަންމަތި ރޫޅާ ރާވާދީ ކާންދީ.ކަންތައް ކުރާނީ ސިފައިން. ވާރޭވެހި މަގުފެންނުހިނދި 15 މިނެޓްވާއިރައް މަހުލޫޓު ޓުވީޓު ކުރަންފަށާނެ. ދިވެހިންނައް އިންޑިޔާގެ ކުޅި ފެނިއްޖެ. ގެރިމޯޑި ނިދާފަ