"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތަކަށް ފޯމް ދޫކުރުމާއި ބަލައިގަތުމުން މި އަންނަ ބަންދުގައިވެސް ކުރިއަށްދާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި، ހިޔާ މަޝްރޫއުގެ ފޯމްތައް ހައްޖު ދުވަހާއި އަޟްހާ އީދު ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ނޫން ކޮންމެ ދުވަހެއްގެ ވަކި ގަޑިތަކެއްގައި ބަލައިގަތުމާއި، ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފޯމު ބަލައިގަންނަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 4:00 އަށްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ތިނެއްގައި މި ފްލެޓްތަކަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ހުޅުމާލޭގައި އިމާރާތް ކުރާ 7،000 ފްލެޓު، 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން އެ ފްލެޓްތަކަށް މިހާތަނަށް ގާތްގަނޑަކަށް 50،000 އަށް ވުރެ ގިނަ ފޯމު ވަނީ ނަގައިފައެވެ.