ގދ.ތިނަދޫ އަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ހަވީރު ތިނަދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޝަހީމް ވިދާޅުވީ ސިޔާސީ ގޮތުން ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ވަގުތު ބޭކާރުނުކޮށް ރައީސް ޔާމީންގެ ފަހަތްޕުޅަށް ތިނަދޫގެ ހުރިހާ ރައްޔިތުން އެރުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށާއި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ތިނަދޫ އަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ.

އެގޮތުން ޝަހީމް ވަނީ މި ސަރުކާރުން ތިނަދޫގައި އިމާރާތްކުރި އިސްލާމީ މަރުކަޒު މިސާލަކަށް ނަންގަވާފައެވެ.

"ހަގީގަތުގައި މި ރަށު ރައްޔިތުންނަށް އެކަންޏެއް ނޫން މިތަނުގެ މަންފާ ލިބޭނީ. މުޅި ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުން މިތަނަށް ކިޔަވަން އަންނާނެ ދުވަހެއް ތިޔަބޭފުޅުން ދެކޭނެ" ޝަހީމް ވިދާޅުވިއެވެ.

ތިނަދޫގެ ރައްޔިތުން ރައީސް ޔާމީން އަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ މި ދަތުރުފުޅުގައި ގދ. އަތޮޅުން ވަޑައިގަންނަވާނީ ހަމައެކަނި ތިނަދޫ އަށެވެ.

ޝަހީމް ތިނަދޫ އަށް ވަޑައިގެންނެވިއިރު މިދިޔަ ދުވަސްތަކުގައި ޝަހީމް އުޅުއްވީ ކެމްޕެއިން ދަތުރެއްގައި ފުވައްމުލަކު ސިޓީގައެވެ. އެ ދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުންނާއި ޝަހީމް ބައްދަލުކުރައްވާފައިވާއިރު އިއްޔެ ހަވީރު އެ ސިޓީގައި ވަނީ ސައިކަލެއް ބުރެއް ވެސް ބާއްވާފައެވެ.

މީގެއިތުރުން ޝަހީމް ވަނީ ރައީސް ޔާމީން އަށް ތާއީދު އިތުރު ކުރެއްވުމުގެ ގޮތުން ގއ.އަތޮޅުގެ ރަށްތަކަށާއި މެލޭޝިޔާ އަށް ވެސް ދާދިފަހުން ދަތުރުފުޅެއް ކުރައްވާފައެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު މި އިންތިހާބުގައި ޕީޕީއެމްއާ ވާދަކުރައްވަނީ އިދިކޮޅު އިއްތިހާދެވެ. އެގޮތުން އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި ރަނިންމޭޓަކީ ފައިސަލް ނަސީމްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯލްޑިވިޔަން

    އެހެންމީހަކު ކަމެއް ކޮށްދިން ތޯ؟. ގަބޫލެއް ނުކުރަން

  2. ސައިނީ

    ރައްޔިތުންވެސް ވަރަށް ސުމާޓް ދޯ އެފަހަރުކު ރަށައް އަރާ ޕާޓީއެއް ބޭނުންވާ ގޮތަށް ރައްޔިތުންވެސް ކަންކަން މިކުރަނީ ދޯ

  3. ޥގ

    އެއީ ޔާމީންފައިސާއިންތޯ ނޫނީ ރައްޔިތުންގެފައިސާއިންތޯ