ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލައި ނިމުމުން ވޯޓު ގުނަނީ "ޓެބްލެޓު" އިން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގް މެންބަރު އަޙްމަދު އަކްރަމް "ވަގުތު" އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓުލަނީ ކުރިއެކޭވެސް އެއްގޮތަށް ކަރުދާހުގައި ކަމަށާއި، ވޯޓުލައި ނިމުމުން ވޯޓު ގުނާނީ މޮނިޓަރުންނާއި، މަންދޫބުންގެ އިތުރުން އޮބްޒާވަރުންގެ ހާޒިރުގައި ކަމަށާއި، ވޯޓު ގުނަނީ "ޓެބްލެޓެއް" ބޭނުންކޮށްގެން ނޫން ކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަނީ ޓެބްލެޓަކުން ނޫން، ހާޒިރީންގެ ހާޒިރުގައި ވޯޓު ގުނާފައި ނަތީޖާ ޝީޓްގައި ސޮއި ކުރަންޖެހޭ ފަރާތްތަކުން ނަތީޖާ ޝީޓްގައި ސޮއިވެސް ކުރާނެ، އެ ނަތީޖާ ކަރުދާސް ވޯޓުލާ މަރުކަރުގައި ތަތްވެސް ކުރާނެ" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ޓެބްލެޓެއް މެދުވެރިކޮށް އިއުލާން ކުރާކަމަށްބުނެ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ވަގުތުން ދެންނެވި ދުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޓެބްލެޓް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން "ނެޓް ބުކް" ބޭނުންކޮށްގެން ވޯޓުލާ މަރުކަޒުގައި ކުރަމުންދިޔަ މަސައްކަތްތައް ކުރުމަށް ކަމަށާއި، އެ ޓެބްލެޓް މެދުވެރިކޮށް ވޯޓުލަމުންދާ ނިސްބަތާއި، ވަގުތީ ނަތީޖާ އިންތިޚާބީ މައި މަރުކަޒަށް ފޮނުވޭނެ ކަމަށެވެ.

ޓެބްލެޓް ބޭނުންކުރަނީ ކީތްކުރަންކަން އަކްރަމް ފާސުކޮށްދެއްވިއިރު، މީގެ ކުރިން ވޯޓްލާ މަރުކަޒުތަކަށް ފޮނުވާ ނެޓް ބުކާއި، މޮޑެމް މިފަހަރު ނުފޮނުވާނެއެވެ. އޭގެ ބަދަލުގައި ނެޓްބުކުން ކުރަމުން އައި މަސައްކަތްތައް ކުރާނީ ޓެބްލެޓުންނެވެ. މާޒީއަށް ބަލާއިރު މި މަސައްކަތަށް ނެޓް ބުކަށްވުރެ ޓެބްލެޓް ރަނގަޅުވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، އިންތިޚާބީ ޕްރޮސެސްތަކާ ގުޅުވައިގެން، އިލެކްޝަންސް ކޮމިޝަނާއި، އިންތިޚާބުގެ ޞައްޙަކަމާމެދު ރައްޔިތުންގެ ހިތްތަކުގައި އުވާލު އުފެއްދުމުގެ މަޤްޞަދުގައި ދޮގު ވާހަކަތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އިލްތިމާސް ކުރައްވައެވެ.

ރިޔާސީ އިންތިޚާބަށް 37 ދުވަހަށް ވެފައިވާއިރު، އިންތިޚާބުގައި ބޭނުންކުރާ ވޯޓު ފޮށިތަކާއި، ވޯޓިންގ ބޫތުތައް އިލެކްޝަނުން ވަނީ ރަށްތަކަށް ފޮނުވާ ނިންމާފައެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިބްރާހީމް މުޙައްމަދު ޞާލިހް (އިބޫ) ވާދަކުރައްވާއިރު، ރިޔާސީ ކެމްޕޭންގެ ފޯރިވެސް އަންނަނީ ގަދަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 އާ އާދީއްތަ ދުވަހުއެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު