ރާއްޖޭގެ އިންވެސްޓްމެންޓް ދާއިރާ މިއަށްވުރެ ބޮޑަށް ކުރިއެރި ދުވަސްވަރެއް ނާންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓް ދާއިރާއަށް މިއަށްވުރެ ބޮޑަށް ކުރިއެރި ދުވަސްވަރެއް ނާންނަ ކަމުގެ ރަމްޒަކީ އިދިކޮޅު ފަރާތްތަކުން ރާއްޖޭ އަށް ދަތިކޮށް ބެންކުތަކުން ލޯނު ނުދިނުމަށާއި ޓުއަރިޒަމް ބޮއިކޮޓް ކުރަން ލަންޑަން ފްރެންކްޕާޓް އަދި ކޮލޮންބޯގެ އެންބަސީ ތަކުގައި ސަލާން ޖެހުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު މިހާރު އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށާއި އަދި މިދިޔަ ހަތަރު އަހަރަކީ ޓޫރިޒަމް ދާއިރާ އަށް އެންމެ ފަހި ދުވަސްތައް ކަމަށް ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކާއި އަދި އިންވެސްޓު ކުރަމުން އަންނަ ފަރާތްތަކުގެ ފުރިހަމަ ބަލައިގަތުމާއި ތާއީދު އަދި ޔަގީން ކަން ރައީސް ޔާމީންގެ ސަރުކާރަށް އެބައޮތް ކަމަށާއި އެކަން ބަދަލެއް ނުވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ސަރުކާރުން ބުނަމުންދަނީ ރާއްޖެއަކީ ދިގު ތާރީޚެއް އޮތް ތަނެއް ނޫންކަމަށް ބޭރުގެ ފަރާތްތަކަށް ވިސްނިފައި އޮތްއޮތުން ބަދަލުކޮށް މި ޙާލަތުން އަރައިގަތުމަށް މިއަދު މި ކުރެވެމުންދާ މަސައްކަތުގައި ފުރަތަމަ ފަހަރަށް ބޭރުގެ ބޮޑެތި، ބިޔަ އިންވެސްޓަރުން މިލިޔަނުން ބިލިޔަނުން ޑޮލަރު ހިފައިން ރާއްޖެ އަންނާން ފަށައިފައިވާކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިސަރުކާރު އޮތްވާ ރާއްޖެއަށް ވައިވެސް އަޅާކަށް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ބޭނުން ނުވާ ކަމަށެވެ.