ބ. ހިތާދޫ ރައްޔިތުން މުޅި ރަށް ސާފްކުރުމަށް ޚާއްސަ ހަރަކާތެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

"ސާފު ހިތާދޫ މަގޭ ހިތާދޫ" މި ޝިއާރުގެ ދަށުން މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ދުވަހުގެ 11:30 ގެ ނިޔަލަށް ކުރިއަށްގެންދާ ސާފު ކުރުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ރަށުގެ ރައްޔިތުން ބައިވެރިވާނެކަމަށް މައުލޫމާތުލިބެއެވެ.

މިއީ މިފަދަ ބޮޑު ހަރަކާތެއްގެ ގޮތުގައި އެ ރަށުގައި ބާއްވާ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި ބައިވެރިވުމަށް މާލޭގައި ދިރިއުޅޭ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެރަށަށް ދާނެއެވެ. އަދި މީގެ އިތުރުން އީދު ބޮޑު ބަންދަށް އެރަށަށްދާ ގިނަ އަދަދެެއްގެ ބަޔަކު އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށް މައުލޫމާތުލިބެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަޒީ ވިދާޅުވީ، ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކާއި، ކައުންސިލާއި ގުޅިގެން ރަށް ސާފް ކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށާއި، އެ ހަަރަކާތުގައި 400 އެއްހާ މީހުން ބައިވެރިވާނެކަމަށެވެ. އަދި އެކަމުގައި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބުނެފައިވާކަމަށް އަޒީ ވިދާޅުވިއެވެ.

އަޒީ ވިދާޅުވިގޮތުގައި، މި ހަރަކާތުގެ ތެރެއިން ރަށުގެ ބޮޑު ސަރަހައްދެއް ސާފް ކުރާނެއެވެ. އެގޮތުން މުޅި ރަށުގެ ހޭޅި ފަށާއި، ގޮނޑުދޮށްވެސް ސާފް ކުރާނެ ކަމަށް އަޒީ ވިދާޅުވިއެވެ.

އެ ހަރަކާތުގެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށް ކައުންސިލުން ގަބޫލުކުރާއިރު، އެ ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ރަށުގެ ރައްޔިތުންނަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިހާރުވެސް އެ ހަރަކާތާއި ގުޅޭ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ރަށުގެ ރައްޔިތުންނަށް ވަނީ ބަހާފައެވެ.

އެ ރަށުގެ އުފެދޭ ބޮޑެތި ކުނިތައް ނައްތާލެވޭނެ ނިޒާމެއް އެރަށުގައި ނެތެވެ. އަދި ކުނިކޮށްޓެއްވެސް ގާއިމްވެފައި ނެތެވެ. އެހެންވެ އެ ހަރަކާތުގައި އެއް ކުރެވޭ ބޮޑެތި ކުނިތައް ނައްތާލުމަށް ގެންދާނީ "ޕާލޭ"ގެ މީހުންނާއި ގުޅިގެންނެވެ. އަދި އަންދާލެވޭ ކުނިތައް ރަށުގައި އަންދާލާނެއެވެ.

އެރަށަކީ 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގައި ދިރިއުޅެމުން ދަނީ ގާތްގަނޑަކަށް 700 އެއްހާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    މަރުހަބާ، ވަރަށް ރީތި މިސާލެއް. ތިޔަ ކަމުގައި ކާމިޔާބީ ލައްވާށި.