ރައީސް އަބްދުﷲ ޔާމީން މި ގައުމުގައި ހިންގަވާ މަޝްރޫއުތަކެއް މަސްހުނިވެފައިވާ އިދިކޮޅު ފިކުރުތަކަކަށް ނުހިންގޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ހުޅުމާލެ ފޭސް2ގައި ފެއްޓެވި 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، އިދިކޮޅު ފިކުރުތަކަށް މިކަން ނުކުރެވޭނެ ކަމަށެވެ.

"މި މަސައްކަތް މަސްހުނި ފިކުރަކަށް ނުހިންގޭނެ. އެއީ ކޯލިޝަންގައި ހިމެނޭ ތަފާތު ރަހަތަކުގެ ސަބަބުން. އެމްޑީޕީ، ޖޭޕީގެ ނަތީއްޖާއަކީ ހިމެނޭ ތިން މީހެއްގެ އަމިއްލަ މަސްލަހަތު މިކަމަށް ޖަވާބެއް ނުދެވޭ،" ސައީދު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް2ގައި ކުރިއަށްގެންދާ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއިރު، އެ ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީގައި ދަނީ އެކަމަށް ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ޗައިނާއިން ތަރައްޤީކުރާ މި 7000 ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ. އަދި އެ 7000 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާ، އެތަންތަނުގައި އާއްމުން ދިރިއުޅެން ފަށާނެކަމަށް ހައުސިންގ މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.