ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ލ.އަތޮޅު ގަމުން އޮތް ތާއިދު ދައްކާލުމަށް އެރަށުގެ ޒުވާނުން މިއަދު ސައިކަލް ބުރަކަށް ނިކުމެއްޖެއެވެ.

މިއަދު ހަވީރު ގަމުގެ ތުނޑީ އަވަށު ބަނދަރު ސަރަހައްދުން ފެށި ސައިކަލް ބުރުގައި ގަމުގެ ގިނަ އަދަދެއްގެ ދެޖިންސްގެ ޒުވާނުން ދަނީ ބައިވެރިވަމުންނެވެ. ސައިކަލް ބުރުގެ ބައިވެރިން ދަތުރު ކުރަމުން ދަނީ ގަމުން ފޮނަދޫ އަށެވެ.

ސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު "ވަގުތު" އަށް ބުނީ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދަށް ވުރެ ބޮޑު ތާއީދެއް އަދިވެސް ގަމުން އޮތީ ރައީސް ޔާމީނަށް ކަން މިއަދު ފެނިގެން ދާނެކަމަށެވެ.

"އެމްޑީޕީ އިން މީގެ ކުރިން ވެސް ވެހިކަލް ބުރެއް ބާއްވަން އިއުލާން ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައި. އެއީ ނިކުންނާނެ ބަޔަކު ނުވާނެތީ. މުޅި އަތޮޅުން މީހުން ގެނެސްގެން އިދިކޮޅު އިއްތިހާދަށް ގަމުގައި ޖަލްސާއެއް ބާއްވާ ލެވުނަސް އަދިވެސް ގަމު ރައްޔިތުންގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއި އެކު." މައުލޫމާތު ދިން ޒުވާނާ ބުންޏެވެ.

ގަމުގައި މިއަދު ކުރިއަށްދާ ސައިކަލް ބުރުގެ ތެރެއިން

ސައިކަލް ބުރުގައި 300 އަށް ވުރެ ގިނަ ސައިކަލް ދަނީ ބައިވެރިވަމުންނެވެ. އަދި ޕިކަޕްތަކާއި އެހެނިގެން ވެހިކަލްތަކުގައި ވެސް ގިނަ ބަޔަކު ދަނީ ސައިކަލް ބުރުގައި ބައިވެރިވަމުންނެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން މިއަހަރުގެ މާޗް މަހާއި ހަމައަށް ލ.އަތޮޅުގައި 1.94 ބިލިއަން ރުފިޔާ ޚަރަދު ކޮށްގެން 156 މަޝްރޫޢުއެއް ހިންގާފައެވެ. އޭގެތެރެއިން ގަމުގައި 31 މަޝްރޫޢު ހިންގާ އެމަޝްރޫޢުތަކަށް 615 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. 2009 ވަނަ އަހަރުން 2013 ވަނަ އަހަރާއި ހަމައަށް ސަރުކާރުން ގަމުގައި ހިންގާފައި އޮތީ އެންމެ ތިން މަޝްރޫޢު އެވެ.

ފޮނަދޫގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ 24 މަޝްރޫޢުއެއް ހިންގާ 691 މިލިއަން ރުފިޔާ އެމަޝްރޫޢުތަކަށް ޚަރަދު ކޮށްފައެވެ. 2009 ވަނަ އަހަރުން 2013 ވަނަ އަހަރާއި ހަމައަށް ސަރުކާރުން ފޮނަދޫގައި ވެސް ހިންގާފައި އޮތީ އެންމެ ތިން މަޝްރޫޢު އެވެ.

ރައީސް ޔާމީނަށް ތާއީދު ކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ފޮނަދޫގައި ވެސް ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥގ

    މިވަރުގެތާއީދެއް ދެވަނަމީހަކައް ނުލިބޭނެ ދެންއަތްޖަހާ

  2. ައޭނަ

    ތާއީދު އޮތްވަރު އަހަރެމެން ބަލާނީ ވޯޓުން.. ތި ސައިކަލު ބުރައް ދިޔަ ގިނަ ޒުވާނުން ދިޔައީ ލާރި ދޭން ބުނީމަ.. ??