މިއަންނަ ސެޕްޓެންބަރު މަހު 4 ވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާ ލ.އަތޮޅަށް ވަޑައިގަންނަވާނެ ކަމަށާއި އަދި އެދަތުރުފުޅުގައި އުފާވެރި ޚަބަރުތަކެއް ދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފޮނަދޫގައި "އަމާޒު ޔަގީން" އަދި "ޕީޕީއެމް ޒުވާނުންގެ ޖަގަހަ" ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ސެޕްޓެންބަރު މަހު 4 ވަނަ ދުވަހު ލ.އަތޮޅަށް ވަޑައިގަންނަވާނެ ކަމަށާއި އަދި ފޮނަދޫއަށް ވަޑައިގެން ގަން ފޮނަދޫ ލިންކް ރޯޑް ހުޅުއްވައިދެއްވާނެ ކަމަށެވެ.

"ވަރަށް މުހިންމު ދަތުރުފުޅެއް. އަޅުގަނޑުމެންގެ ލިންކް ރޯޑް ހުޅުވާ ދެއްވުމަށް ކުރައްވަވާ ދަތުރުފުޅެއް އެއީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް މިރަށް ވަޑައިގެން އުފާވެރި ޚަބަރުތަކެއް ދެއްވާނެ ކަމަށާޢި ނަމަވެސް އެއީ "ސަޕްރައިޒް" އެއް ކަމަށެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭވަނީ ފޮނަދޫއިން ޕީޕިއެމްއަށް "ސްޕަރ މެޖޯރިޓީއެއް" ލިބޭނެ ކަމަށް ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އަދުރޭގެ އިތުރުން ޕީޕީއެމް އިސްތަރުޖަމާނު ކެލާދާއިރާގެ މެންބަރު އަލީ އާރިފް އާއި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރައިދޭ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާޙް ގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޖަގަހަ ހުޅުވާދެއްވުމަށްފަހު ވާހަަކަ ދައްކަވަމުން ހަތަރު މެންބަރުން ވެސް ވަނީ ފޮނަދޫއަކީ ޕީޕީއެމްއަށް ޚާއްސަ ރަށެއް ކަމަށް ސިފަކުރައްވާފައެވެ.

ފަލާޙް ވިދާޅުވީ، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިހާތަނަށް ފޮނަދޫއިން ނިކުތް ހާ ރައްޔަތުން އެއްވެސް ރަށަކުން ނިކުމެފައިނުވާ ކަމަށާއި މިއީ ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅަކަށްވެފައި، "އަދުރޭގެ ޝަރަފަށްޓަކައި ވެސް" 90 އިންސައްތައިން މަތިން ފޮނަދޫއިން ރައީސް ޔާމީން ހޮއްވަވަން ޖެހި ވަޑައިގަންނަވަން ޖެހޭ ކަމަށް ފަލާޙް ވިދާޅުވިއެވެ.

2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް ބޮޑު ކާމިޔާބީއެއް ފޮނަދޫއިން ލިބިވަޑައިގަތް އިރު، ފޮނަދޫ ފާހަގަ ވެފައިވަނީ ސަރުކާރަށް ތާޢީދު ބޮޑު ރަށެއްގެ ގޮތުގައެވެ.