މިއީ ތަރައްގީގެ މީޒާނުން ރައީސް ޔާމީން މީޒާން ކުރަންވީ ވަގުތު ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގދ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ތިނަދޫއަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި، މިރޭ ތިނަދޫ ދެކުނު ދާއިރާގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަން ކަމަށްޓަކައި މަސައްކަތެއް ކަމަށާއި މިއީ އަޅުގަނޑުމެންގެ އިސްލާމް ދީނުގެ މަރިވެރި އަސާސް ތަކަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެޖިންސުގެ ޒުވާނުންނަށް ހަމަ ހަމަ ފުރުސަތު ތަކެއް ހޯދައި ދީފައި, މިއަދު އެކި ވުޒާރާތަކުގައި އަންހެނުންގެ ހިއްސާވެސް ވަރަށް ބޮޑު, ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ދިވެހި ރައްޔިތުން އެބަޖެހޭ އަޒުމު ކަނޑައަޅަން, މިއީ ތަރައްގީގެ މީޒާނުން ރައީސް ޔާމީން މީޒާން ކުރަންވީ ވަގުތު" ޑރ.ޝަހީމު ވިދާޅުވިއެވެ.

ޑރ.ޝަހީމު ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިފިނަމަ ފެނިގެންދާނީ 25 ބުރީ ގެ އެންމެ ޓަވަރެއް ނޫންކަމަށާއި އެތަށް ޓަވަރެއް ފެނިގެން ދާނެކަމަށެވެ.

"ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އެކަމުގެ ހުރިހާ މަންފާއެއް ލިބޭނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް, ރައީސް ޔާމީން އަށް އިތުރު ދައުރެއް ދީފި ނަމަ އަޅުގަނޑުމެންނަށް ފެނިގެންދާނީ އެންމެ އިންޓަނޭޝަނަލް އެއާޕޯޓެއް ނޫން. އެތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ފެނިގެން ދާނެ. މީގެ އިތުރުން އެތަށް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އެތަކެއް މަޝްރޫއު ތަކެއް ފެނިގެން ދާނެ" ޑރ.ޝަހީމް ވިދާޅުވިއެވެ.

ތިނަދޫގެ އިސްލާމީ މަރުކަޒު ސަރަހައްދުގައި ރައީސް ޔާމީނަށް ސަޕޯޓް ކުރައްވާ ބަޔަކާއި އެކު ފޮޓޯ ނެގުމުން ބައެއް އިލުމުވެރިންގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ، މައްސަލައަކީ އިދިކޮޅު ފަރާތްތަކަށް ކަންކަން ހަޖަމު ނުވުން ކަމަށާއި ތިނަދޫގެ އިސްލާމީ މަރުކަޒު ސަރަހައްދަކީ ކޮންސްޓަރަކްޝަން ސައިޓެއް ކަމަށާއި އަދިި އެ ތަން މިސްކިތެއްގެ ސިފައިގައި ބޭނުންކުރަން ފަށާފައިނުވާކަމަށެވެ.

"ތިނަދޫގެ އިސްލާމީ މަރުކަޒު ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިނގާފައި ނުވާނެ. އެ ސަރަހައްދުގައި ދީނާ ހިލާފުވާ އެއްވެސް އަމަލެއް ނުކުރަން" ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފި ނަމަ ހިތާމަ ކުރަން ނުޖެހޭނެ ކަމަށާއި، ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ރާއްޖެ ތަރައްގީ ކޮށްދޭއިރު، އެއީ ކޮންމެ ދިވެއްސަކު ވެސް މޭގައި އަތް ޖަހައި ފަޚުރުވެރިވާނެ ކަމަކަށް ވާނެ ކަމށެވެ.

"އަޅުގަނޑު ތިނަދޫގެ ހުރިހާ ޒުވާނުންގެ އަރިހުން އެދެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު ކޮށްދެއްވުމަށް, އަދި ރައީސް ޔާމީނަށް ތާއީދު ހޯދެއްވުމަށް އެހެން ޕާޓީތަކުގެ ބޭފުޅުންގެ އަރިހުގައި ވެސް އެދެން, އެބޭފުޅުނަކީ ވެސް އަޅުގަނޑުމެންގެ އަހުން" ޑރ.ޝަހީމް ވިދާޅުވިއެވެ.