ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރަން އޮތް ސައުދީ އެއާލައިންގެ ދަތުރުތަކަށް ބުރޫ އެރުމާއި ގުޅިގެން ނުފުރިފައި ތިބި ދިވެހި ހައްޖުވެރިން މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މިހާރު ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 17:00 ގައި ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ފުރާށެވެ. މިހާރު ނުފުރިތިބީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަދު ހެނދުނު ފުރަން ހަމަޖައްސާފައިވާ 400 މީހުނެވެ. އެ 400 މީހުންނަކީ ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރަށް ދިން 1000 ކޯޓާގެ ދަށުންދާ މީހުން އެވެ.

ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާ އަށް އުދުހެވެނީ ހަަމައެކަނި ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިނަށެވެ. ސައުދީ އެއާލައިންގައި ބޭނުން ކުރާ ކޮމްޕިއުޓަރ ސިސްޓަމްތައް ޑައުން ވުމުން ހުރިހާ ސަރަހައްދަކުން ވެސް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރާ ހައްޖުވެރިންގެ ދަތުރުތަކަަށް ވަނީ ބުރޫއަރާފައެވެ. ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ.

މިއަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރަން ދެމިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާ އަށް ދާނެއެވެ. އޭގެތެރެއިން މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ ސައުދީ އަރަބިއްޔާގައެވެ.