އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނެތި މީޑިއާތަކުން ވެސް ހަބަރު ނުފެތުރުމަށް އެދޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށްވެސް ވަނީ ކޮމިޝަނުގެ ބަހެއް ނެތި ކޮމިޝަނާއި ގުޅޭ ކަންކަމުގައި ޚަބަރު ނުފެތުރުމަށް އެދޭ ކަމަށެވެ.

"މިހާރަކަށް އައިސް ސިޔާސީ ފަރާތްތަކުން ދައްކާ ގުޅޭ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ހޯދުމެއް ނެތި، އަދި އޭގެ ހަޤީޤަތެއް ހޯދުމެއް ނެތި ފަލަ ސުރުޚީތަކުގައި އަންނަނީ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި އިލްޒާމްތައް އަމާޒު ކުރަމުން" ޝަރީފް ވިދާޅިވިއެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް ކޮމިޝަނުން އެބޭފުޅުން ތިއްބެވީ އެފަދަ ސުރުޚީތަކަށް އަޅައި ނުލައްވައި ކަމަށާއި އެހެން ނަމަވެސް އިންތިޚާބު ރަސްމީކޮށް ކެމްޕޭން އިއުލާނު ކުރުމާއި އެކީގައި، އެފަދަ ސުރުޚީތަކުގައި ހަޤީޤަތާއި ޚިލާފު ވާހަކަ ލިޔުއްވަމުން ގެންދަވާކަމުގައި ވަނީނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަހާއެކު، މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ހާމަކަން ބޮޑު މައުލޫމާތާއި ހަގީގަތް ހާމަކޮށްދިނުމަކީ މީޑީއާގެ މަސްއޫލިއްޔަތެއް ކަމަށާއި އެއާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"މީސް މީޑިޔާގަޔާއި، އަދި ތަފާތު އެހެނިހެން ޚަބަރު ފަތުރާ ވަސީލަތްތަކުން، ރާއްޖޭގެ ރައްޔިތުންނަށް އިންތިޚާބާއި ބެހޭ ކަންކަން އޮޅުން އަރައި، އަދި އިންތިޚާުބުގެ ސައްޙަކަމާއި މެދު ސުވާލު އުފެއްދޭނެ ފަދަ މައުލޫމާތުތައް އާއްމުންގެ ތެރޭގައި ދަނީ ފަތުރަމުން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައި ނުވަތަ އެބޭފުޅުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ދޮގު އިލްޒާމު ނޭޅުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހެއް

    އަބަދުވިސް މައްސަލަބަލާނަން ޖަލައްލާނަން ދައުވާކުރާނަން މިނޫން އަޑެއްނީވެ މީހުން ދައްކާވާހަކަ އަޑުއެހުމުގެގާބިލް ކަންވެސްނެތީދޯ