ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޔޫތު ސިޓީ އޯޕަންޑޭ ގެ ހަރަކާތްތަށް މިއަދު ފަށައިފިއެވެ.

މައުލޫމާތު ދިނުމުގެ ސެޝަން އަކާއި ޔޫތު ސިޓީގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތަށް ކުރިއަށް ދާ ގޮތް ބަލާލުމަށް ސިޓީ ޓުއާއަކާއި އެކު ކުރިއަށް ގެންދެވުނު ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޔޫތު ސިޓީގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދީ ރަށްޔިތުންގެ މެދުގައި ހުޅުމާލެ ސިޓީ އިން ލިބިދޭ ހިދުމަތްތަކާއި މެދު އަހުލުވެރި ކުރުވުމެވެ.

ހުޅުމާލޭ ނެއިބަހޫޑް 1 ގައިވާ ފަހިވެނި ކޮމިޔުނިޓީ ސެންޓަރުގައި މިއަދު މެންދުރު 13:00 އިން ފެށިގެން ކުރިއަށް ދިޔަ މައުލޫމާތު ސެޝަންތަކުގައި ވީޑިއޯ ޕްރެސެންޓޭޝަން އާއި ކުއިޒް މުބާރާތްތައް މެދުވެރިކޮށް ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައެވެ. އަދި ހާއްސަގޮތެއްގައި ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ފައްކާވަމުން އަންނަ އިރު ހުޅުމާލެއަަށް އަންނާނެ ތަރައްޤީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން ވަނީ ފައިދާކުރަނިވި މައުލޫމާތުތަކެއް ބައިވެރިންނާއި ހިއްސާކޮށްފައެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި ތަރައްޤީކޮށް ނިމޭއިރު ހުޅުމާލެ އޮންނާނެ ގޮތުގެ ތަސައްވަރެއް ވަނީ ބައިވެރިންނަށް ދައްކާލާފައެވެ.

މައުލޫމާތު ދިނުމުގެ ސެޝަނަށް ފަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބައިވެރިންނަށް ދައްކާލުމަށް އެޗްޑީސީގެ ބަހުގައި ޓުއާއެއް ބާއްވާފައިވެއެވެ.

ޓުއާއަށް ފަހު ދުވަހުގެ ހަރަކާތް ނިންމާލުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި އެޗްޑީސީގެ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރ މުހައްމަދު ނިޝާން ވިދާޅުވީ ޔޫތު ސިޓީ އޯޕަން ޑޭގެ ހަރަކާތަކީ ރައްޔިތުންނަށް ޔޫތު ސިޓީއަށް އަންނަމުންދާ ތަރައްޤީގެ މަޝްރޫއުތަކަކީ ކޮބައިކަން ހާމަކޮށްދިނުމަށާއި ޒުވާނުންގެ ސިޓީއެއްގެ ގޮތުގައު ހުޅުމާލެ ތަރައްޤީވަމުން އަންނައިރު ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވޭ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތަކީ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެެންދާ ހަރަކާތެއް. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލެ ޒުވާނުންގެ ސިޓީއެއްް ގޮތުގައި ތަރައްޤީވަމުން އަންނަ އިރު އެ ސިޓީއިން ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ސިޓީގައި ހިންގާ އަދި މުސްތަގުބަލުގައި ހިންގާނެ މަސްރޫއުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުން. އަދި މި ހަރަކާތުގައި އާންމުންނަށް ޔޫތު ސިޓީއާއި ބެހޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ" ނިޝާން ވިދާޅުވިއެެވެ.

ޔޫތު ސިޓީ އޯޕަންޑޭގެ ހަރަކާތް މާދަމާވެސް ކުރިއަށްދާނެއެވެ. އެގޮތުން ސިޓީ ޓުއާތަށް ހުޅުމާލޭ ފެރީޓާމިނަލް އާއި އެޗްޑީސީ ބިލްޑިން ކައިރިން ހެނދުނު 10 އެއް ޖަހާއިރު ފެށުމަށް ނިންމާފައިވާއިރު ހަމަ އެ ގަޑީގައި ޒުވާނުންނަށް އަމާޒުކޮށްގެން ގްރެފިޓީ އާޓް (ފާރުގައި ކުރެހުމުގެ) އާޓް ދަށްކާލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އަދި ހުޅުމާލޭ އޯޕަން ޑޭގެ ހަރަކާތްތައް އަންނަ ހަފްތާގައިވެސް އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމުގައި އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްޤީވުމުން 90،000 ވަޒީފާ އުފެދިގެން ދާއިރު 240،000 މީހުން ދިރިއުޅުމުގެ ކެޕޭސިޓީ ހުޅުމާލޭގައި ހުންނާނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓޭޝަން އާއި މަގުތަކާއި އެނޫންވެސް ގޮތް ގޮތުން ސިޓީ ތަރައްޤީވެގެންދާނެއެވެ. ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްޤީވުމަށް 10 ވަރަކަށް އަހަރު ނަގާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.