އިއްޔެ އަވަހާރަވި އ.ދ ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާނަކީ މުޅި އިންސާނިއްޔަތުގެ ހައްޤުގައި ވަކާލާތުކުރެއްވި ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ކޯފީ އަނާން އަވަހާރަވުމާ ގުޅިގެން އ.ދ. ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

ރައީސް މެސެޖުގައި، އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ދުނިޔޭގެ ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ ކޯފީ އަނާން އަވަހާރަވުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ފުން ހިމާތައެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ކޯފީ އަނާނަކީ މުޅި އިންސާނިއްޔަތުގެ ހައްޤުގައި ވަކާލާތުކުރެއްވި ބޭފުޅެއްކަމަށާއި، އެމަނިކުފާނު އ.ދ. ހިންގެވުމާއި ހަވާލުވެވަޑައިގެންނެވީ ވަރަށް ނާޒުކު ދަނޑިވަޅެއްގައިކަމަށާއި، އެމަނިކުފާނު ދުނިޔޭގެ ޞުލްޙައަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެކަމުން ގިނަ ބައެއްގެ ހިތްތަކުގައި ކޯފީ އަނާނާއި ދޭތެރޭގައި ޤަދަރު އުފުލުނުކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، މިކަމަކީ ކުރިޔަށް އޮތް ޖީލުތައް ނަމޫނާއަކަށް ބަލައި އެކަމުން ޢިބްރަތް ޙާޞިލްކުރާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ދިވެހިރާއްޖެ އަރައިގަތުމުގައި ކޯފީ އަނާންގެ ހިންގުންތެރިކަމުގެ ދަށުން ކުރެއްވި ނަމޫނާ މަސައްކަތްޕުޅުތަކާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނުގެ ހަނދާންތަށް މީހުންގެ ހިތްތަކުގައި އަބަދުވެސް ދެމިހުންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މިއަދު ދުނިޔެއަށް ގެއްލުނީ ދުރުވިސްނޭ، ޝަހްސިއްތަޔު ވަރުދަގަ ލީޑަރެއްކަމުގައި ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކޯފީ އަނާން އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާންމެއް

    އިރާޤު ފުނޑުފުނޑު ކޮށްލުމުގައި ތިޔަ މީހާގެވެސް އަތެއް ވޭ! އެމެރިކާއިން އެރުމުގެ ކުރިން އެކިނަންނަމުގައި އ.ދ. ގެ ނިވާފަތްގަނޑުގެދަށުން.. ކޯފީ އަންނާނު އިސްކޮށްހުރެ، އިރާޤު ބަލިކަށިކޮށްލީ ކިހާ ހިތިގޮތަކަށްތަ.. ހަނދާނެއްނުނެތޭނެ.. ދެން މަރުވީމަ ސަނާކިޔާކަށެއް ނުޖެހޭނެ ތީނަޔަކަށް.