ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނުންގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ތައްޔާރު ކުރެއްވި ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އިލެކްޝަން ކޮމިޝަންގެ ހުއްދަނެތި ވޯޓު ކަރުދާސް އުފެއްދުން ނުވަތަ ވޯޓު ކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އުފެއްދުން، ނުވަތަ އެ މާއްދާގެ 13 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ފަދައިން އިންތިހާބުގައި ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިލެކްޝަން ކޮމިޝަން ފިޔަވައި، އެއްވެސް ފަރާތަކުން އިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ވެސް އީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، އިލެކްޝަން ކޮމިޝަންގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އަންގައިފައެވެ.

އިލެކްޝަން ކޮމިޝަނުން އެހެން ބުނެ ބަޔާނެއް ނެރެފައިވާއިރު، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރި ދުވަހުން ފެށިގެން، ވަކި ކެންޑިޑޭޓަކާ ދިމާލުގައި ފާހަގަ ޖެހުމަށް އެދި، ބައެއް ފަރާތްތަކުން ދަނީ އެ ކޮމިޝަންގެ ލޯގޯ އާއި ސިޔާސީ ދެ ޕާޓީއެއްގެ ލޯގ÷ޯ ބޭނުން ކޮށްގެން ވޯޓު ކަރުދާސް ނަކަލުކޮށް، އާންމު ކުރަމުންނެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ މިހާރު ވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސާފައިވާ އިރު، އިބޫގެ ރަނިންމޭޓަކީ ފައިސަލް ނަސީމެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރިއިރު، ރައީސް ޔާމީނާއި ރަނިންމޭޓު ޝަހީމަށް ލިބިފައިވަނީ އެކެކެވެ. އަދި އިބޫއާއި ރަނިންމޭޓް ފައިސަލަށް ލިބިފައިވަނީ ދެއެކެވެ.