ޕީޕީއެމްގެ އޮފީހެއް މިރޭ ގދ.ތިނަދޫގައި ހުޅުވައިފިއެވެ.

ތިނަދޫ އުތުރު އަވަށުގައި ޕީޕީއެމްގެ އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ޕީޕީއެމްގެ ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުރާ މަސައްކަތަކީ ޙައްޤަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.

"މިއީ ޙައްޤަށްޓަކައި ކުރާ މަސައްކަތެއް. ދީނާއި ސަގާފަތާއި ތަރައްޤީ އާއި މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތެއް. މިއީ ޙައްޤު މަސައްކަތެއް. މިޙައްޤު މަސައްކަތުގައި ތިބެން ވާނީ އެކުވެރިކަމާއި އެކު. މިއީ އެކުވެރިކަމާއި ބަދަހި ކަމާއި އެކު މަސައްކަތް ކުރަންވީ ވަގުތެއް." ޝަހީމް ވދާޅުވިއެވެ.

އެކުވެރިކަމާއި އެކު ކެމްޕޭން ކުރެއްވުމަށް އިލްތިމާސް ކުރައްވަމުން ޝަހީމް ވިދާޅުވީ އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތް އެންމެނަށް ތަނަވަސް ވާނެ. އެންމެނަށް ސާފު އެއީ ޙަޤީޤީ އިއްޒަތްތެރިކަމަކީ. ތިބޭފުޅުން އެކުވެރިކަމާއި އެކު މަސައްކަތް ކުރަން އިލްތިމާސް ކުރަން. އެހެން ޕާޓީތަކުގެ އާންމު މެންބަރުން ވެސް އަޅުގަނޑު ކައިރީގައި ވިދާޅުވޭ ޕީޕީއެމްގެ ޓީމްތައް އަޅުގަނޑުމެންގެ ގެއަށް އަނާނެނަމަ ކިހައި ރަނގަޅުހޭ. މިރަށުގައި ހުރެގެން ނުވާނެ ޕީޕީއެމްގެ ކެމްޕޭން އޮފީހުން ނުވަންނަ އެންމެ ގެއެއް ވެސް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިރޭ ތިނަދޫގައި ހުޅުވި ޕީޕީއެމްގެ އޮފީސް މެދުވެރިކޮށް ތިނަދޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ބޭނުންވާ މެސެޖާއި މަޝްވަރާ އާއި ލަފާފުޅުތައް ޕީޕީއެމްގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވިގެން ދާނެ ކަމަށެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދު ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ޖިހާދަކީ މިރަށާއި ގައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވެވި އަގުހުރި ދަރިއެއް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ. އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ރައީސް ޔާމީން އާއި ޝަހީމް އެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި ފައިސަލް ނަސީމް އެވެ.