މިހާރު އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބައިލައްކަ އެމެރިކާ ޑޮލަރު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ފެން ބޮޑުވުމުގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، 50000 ޑޮލަރު (ދިވެހި ރުފިޔާ އިން ހަތްލައްކަ ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) ގެ އެހީއެއް ވުމަށް ދިވެހި ސަރުކާރުން ނިންމަވައިފި ކަމަށެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް މި ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ހަމްދަރުދީ ފޮނުއްވައި، ހާދިސާގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ހެޔޮ ދުއާ ވަނީ އިންޑިއާގެ ރައްޔިތުންނާއި މިކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި އެކުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިންޑިއާގެ ކެރެލާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 357 އަށް އަަރާފައެވެ. ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނީ މިހާރު ކެރެލާ އަށް ކުރަމުންދާ ވިއްސާރަ އަދި ކުރިއަށް އޮތް ހަތަރު ދުވަހަށް ދިގުދެމިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ކެރެލާ އަށް ކުރަމުންދާ ވިއްސާރައަކީ ފާއިތުވި ގަރުނުގެ ތެރޭގައި ވެސް އެ ސްޓޭޓަށް ކުރަމުން އަންނަ އެންމެ ވަރުގަދަ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭނުމެނެތް ޗޯޅުދޯ

    ބޭނުން ކަމެއްކަމަކަށް ނުދެކެން.. އެމީހުންއަތުގަ މާގިނައިން ޑޮލަރުހުރީމަ މިގައުމު ފަސާދަކުރަން ޑޮލަރުއެޅީ.. އެހެންވީމަ ގައުމު ފަސާދަކުރި ބަޔަކަށް އެހީވުމުގެ ބޭނުމެނެތް..

  2. ނުޒުފާ

    ސާބަހޭ ޔާނު

  3. އަދުރޭ

    މިވަރުވެސް އެހެން ސަރުކާރެއްނަމަ ނުކުރެވުނީސް.