މި ސަރުކާރުގައި ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް އެސެޓް ރިކަވަރީ ޕްރޮގްރާމެއް ހިންގަވައިގެން ބައްލަވައި، ދައުލަތުން ގެއްލިފައިހުރި މުދަލާއި ފައިސާ ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވަނިކޮށް، ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލޭ ދާއިރާގެ މަޖިލީހުގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު އިބޫއަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

"ވަގުތު" އަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި ނިހާން ސުވާލު ކުރެއްވީ، އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ކަމަކާ ނުލާ ރައީސް ނަޝީދުގެ އެކުވެރިންނަށް ބަހާލި 400 ފަޅުރަށުގެ މައްސަލަތައް ބަލައި، އެ ރަށްތަކުގެ ޝެއަރ އެމީހުން އަތުން ވަކިކޮށް، އެ ޝެއަރ ރައްޔިތުންނަށް ދެއްވަން ކެރިވަޑައިގަންނަވާނެތޯއެވެ.

ނިހާން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އުސޫލުން ބޭރުން 400 އަށްވުރެ ގިނަ ފަޅުރަށް ގާތް އެކުވެރިންނަށް ބަހާލާފައިވާކަމަށާއި، އެ ރަށްތަކުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކުންނާއި، ދިވެހި ދައުލަތުގެ އޮޑިޓް ރިޕޯޓްތަކުން ފެންނަ އެބަހުރި ކަމަށެވެ.

"ވަރަށް ސާފުކޮށް ފެންނަން އެހުރީ ނަރުދަމާ ނިޒާމު އަޅައިދީފާނަމޭ ބުނީމަވެސް އެބަހުރި ރައްޓެހިންނަށް ފަޅުރަށްތައް ދީފައި. ކަމާގުޅުންހުރި ޑޮކިއުމަންޓް ސަރުކާރުގެ އިދާރާއަކަށް ވަނުމުގެ ކުރީގައި އެބަހުރި ރަށްތައް ހަވާލުކޮށްފައި. ދަތުރުފަތުރުގެ ނިޒާމު ޤާއިމު ކޮށްދޭނަމޭ ބުނީމަ އެބަހުރި ރަށްތައް ދީފައި. މިހެންގޮސް 400 އެތަކެއް ރަށެއް ދިން ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީގަޔާއި، މީޑިއާގެ ފަލަ ސުރުހީގައި ހުންނާނެ." ނިހާން ވިދާޅުވިއެވެ.

މިސާލެއް ދައްކަވަމުން ނިހާނު ވިދާޅުވީ، މ އަދި ދ އަތޮޅުގެ ދަތުރުފަތުރުގެ ކަންކަން ހިންގުމަށް ކަމަށްބުނެ މ.އަތޮޅުގައި އޮތް އެންމެ ރީތި ފަޅުރަށް އެމްޑީޕީގެ ވަރަށް ހަރަކާތްތެރި މެންބަރެއް ކަމަށްވާ ކުރީގައި ފުޓްބޯޅަ ކުޅުނު ދޮންބިލެތް އަޙްމަދު ހަލީމްއަށް ދީފައިވާ ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި އެބުނި ދަތުރުފަތުރުގެ ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގިތޯ ނުވަތަ ނުހިންގާތޯ ނުބަލާއިރު، ބެލޭނެ ގޮތެއްވެސް ނެތް ކަމަށެވެ.

"މ، ދ ސެންޓްރަލް ސަރަހައްދު ބެލެހެއްޓުމަށްޓަކައި ވެސް ބަޔަކަށް ރަށްތައް ދިން. އެމްޑީޕީގެ ވަރަށް ހަރަކާތްތެރި މެންބަރެއް ކުރީގައި ފުޓްބޯޅަ ކުޅުނު ދޮންބިލެތް އަޙްމަދު ހަލީމްއަށް މ.އަތޮޅުގައި އޮތް އެންމެ ރީތި ރަށް ދިނީ ދަތުރުފަތުރު ނިޒާމު ޤައިމު ކޮށްދޭނަމޭ ބުނެގެން. ދަތުރުފަތުރުގެ ނަމުގައި އޭރުގައި އުފެއްދި ކުންފުންޏަކަށް އެރަށް ދިންއިރު، ކޮންމެވެސް ވަރަކަށް ދަތުރުފަރުރުގެ ނިޒާމެއް ޤާއިމުވެސް ކުރި އެޓީމުން ބައިވެރިވެގެން، ކުޑަ ކުދަސްކޮޅަކު، އެކަމު މިހާރު ވީ ހިސާބެއް ނޭނގެ، އެ ދަތުރުފަތުރުގެ ނިޒާމު އެބައޮތްކަމެއްތޯ ނެތްތޯވެސް ކަށަވަރު ކުރާނެ ގޮތެއްވެސް ނެތް. ސިސްޓަމްގައި އެ އެއްޗެހި ބެލޭނެ ގޮތެއްވެސް ނެތް. އެމީހުން ރިސޯޓް ހަދައިގެން މާސިންގާ ބޮޑު ފައިދާ ލިބޭ ރިސޯޓެއްގެ ގޮތުގައި އެހެރަ ހިންގަނީ." އެމްޑީޕީގެ ވެރިކަމުގައި ދ.އަތޮޅަށް ދީފައިވާ ބޮޑު ގެއްލުމެއްގެ ވާހަކަ ހިތާމަޔާއެކު ހިއްޞާކުރަމުން ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މި ސަރުކާރުގައި ރާއްޖޭގެ ރަށްތަކާއި، ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑު ޖަރީމާ މި ސަރުކާރުން ބަލައި، ފިޔަވަޅު އަޅައި، ޝަރުއީ ކޯޓުގެ ހުކުމާ އެއްގޮތަށް އަޙްމަދު އަދީބް ޢަބްދުލްޤަފޫރާއި އެކަމުގައި ބައިވެރިވި މީހުން ތިބީ ޖަލުގައި ކަމަށާއި، އެމީހުން މިނިވަން ކުރުމަށް މަސައްކަތް ކުރައްވަނީ އިބްރާހީމް މިޙައްމަދު ޞާލިޙް ކަމަށެވެ.

"އަދީބު ވައްކަން ކުރި ވާހަކައާއި، އަދީބުގެ ކަރަޕްޝަނުގެ ވާހަކަ އިވުނީމަ ހަމަ އެމުއްދަތުގެ ތެރޭގައި، ވެރިކަމުގައި، މި ސަރުކާރުގައި އަދީބު އެއަށްވުރެ ބާރުގަދަ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުއްނަވަނިކޮށް އޭނަގެ މައްޗަށް ތުހުމަތު ކުރެވުނު ކަންތަކުގެ ހަޤީޤީ ހެކި ފެނުމާއެއްކޮށް އޭނަ އެހުރީ ޖަލުގެ ގޮޅީގައި، ޝަރީއަތުން ފަނޑިޔާރަކު އިންސާފުން ހުކުމް ކުރީމަ ޖަލުގައި އެހުރީ." މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވާ ނިހާން ވިދާޅުވިއެވެ.

"މި ސަރުކާރުގައި ފަޅެއް ރަށެއް ގިރިއެއް ދީގެން އޭގެން ނާޖާއިޒު ފައިދާއެއް މީހަކު ނަގައިފިކަމަށް ވާނަމަ އެ ނެގި އެންމެ ބޮޑު ތުހުމަތު އެބޭފުޅުން ކުރީ އަޙްމަދު އަދީބު ޢަބްދުލްޤަފޫރު އެހުރީ ޖަލުގައި، އެބޭފުޅުން މިހާރު އެވިދާޅުވަނީ އަދީބު ދޫކޮށްލާ ވާހަކަ. ވެރިކަން ލިބުނީމަ އެންމެ ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި އެންމެ ކުރީގައި އޮތީ އަދީބު. އެހެން ކަމަށްވެއްޖިއްޔާ އަދީބު ރާއްޖޭގެ ރަށްތައް ވަގަށް ވިއްކި މީހުންގެ ކަންތައްތައް ކިހިނެތް ބެލޭނީ؟" ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ކުއްވެރިންގެ ގޮތުގައި އަދީބު ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވިއެވެ.

ނިހާނުގެ ބޮޑު ސުވާލުތައް އިބްރާހީމް މުޙައްމަދު ޞާލިހަށް (އިބޫއަށް) އަމާޒު ކުރެއްވީ މިހިސާބުންނެވެ. ނިހާން މައިގަނޑު ދެ ސުވާލެއް އިބޫއަށް ކުރެއްވިއެވެ.

"އިބޫ ވެރިކަމަށް ވަޑައިގަންނަވާތާ ދިހަ މިނެޓް ތެރޭގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތަކުގެ ތެރޭގައި އެބަ ހިމެނޭ 80 ވަރަކަށް މިލިއަން ޑޮލަރުގެ ދިވެހިރާއްޖޭގެ ފަޅާއި، ރަށާއި، ވިއްކައިގެން ދައުލަތާއި ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއްދިން އަޙްމަދު އަދީބު ޢަބްދުލްޤަފޫރާއި އޭނާގެ ޓީމު ދޫކޮށްލަން. އަޅުގަނޑުގެ ސުވާލަކީ ކިހިނެތްތޯ އިބްރާހީ މުޙައްމަދު ޞާލިހްގެ ވެރިކަމެއްގައި އަދީބު ދޫކޮށްލައިގެން މިކަންކަން ބަލާނީ؟" ނިހާންގެ ފުރަތަމަ ސުވާލު އިބޫއަށް ކުރައްވަމުން ވިދާޅުވިއެވެ.

"އިބްރާހީމް މުޙައްމަދު ޞާލިހް ފުރަޔަމަ ޖަވާބު ދެއްވާ، އިބޫމެންގެ ގާތް ވޯމިލަން އިންވެސްޓްމެންޓް (ވާމިލިއަން އިންވެސްޓްމެންޓަކީ މ.އަތޮޅު ދޫރެސް ގައި ރިސޯޓް ތަރައްޤީކޮށްފައިވާ، ދޮންބިލެތް އަޙްމަދު ހަލީމްގެ ކުންފުންޏެއް) ކަހަލަ އެކުވެރި ކުންފުނިތަކަށް މިރާއްޖޭގެ އެކި ސަރަހައްދުތަކުން އެއްވެސް ކަމަކާނުލާ ދޫކުރި ރަށްތަކުން މިހާރު އުފައްދާފައިވާ ރިސޯޓްތަކުގެ ޝެއަރ ވަކިކޮށް ރައްޔިތުންނަށް އެ ޝެއަރ އަލުން އަނބުރާ ދޭން އިބޫއަށް ކެރިވަޑައިގަންނަވާނެތޯ؟" ނިހާންގެ ދެވަނަ ސުވާލު އިބޫއަށް އަމާޒުކުރެއްވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ، މީ އެންމެ ރަށެއްގެ ވާހަކަ ކަމަށާއި، މިގޮތަށް އެމްޑީޕީގެ ވެރިކަމުގައި ބެއްސެވި 400 ރަށުގެ ތެރެއިން ބައެއް ރަށްތައް ބަހާފައިވަނީ އެކި ކަންކަމުގެ ނަމުގައި ކަމަށެވެ.

"ބެއްސެވި 400 ރަށުގެ ތެރެއިން ބައެއް ރަށްތައް ގެދޮރު އަޅަން ބުނީމަ، އަނެއްބަޔަކު ނަރުދަމާ އަޅަން ބުނީމަ، ވާޓަރު ލައިދޭން ބުނީމަ، ސްކޫލްގަ ޓިނު ޖަހައިދޭން ބުނީމަ އެބަހުރި ރަށްތައް ކުއްޔަށްދީފައި. އެވެސް 90 އަހަރަށް." އެމްޑީޕީގެ ސަރުކާރުގެ ބޮޑު ހިޔާނާތުގެ ވާހަކަ ހިއްސާކުރައްވާ ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މި ސަރުކާރުގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިފައިވާނަމަ އެކަމަކަށް މި ސަރުކާރަށް އޭގެ ޖަވާބު އޮންނާނީ ވަރަށް ސާފުކޮށް ދީފައި ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި އެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުން އެފަދަ ކަމެއް ވޭތޯވެސް ބަލާލާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު، މި ސަރުކާރުގެ ވައްކަމޭ ކިޔައިގެން ދައްކަވާނެ ވާހަކައެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"ކޮން ވާހަކައެއްތޯ ފުރަތަމަ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެއްކޭނީ، ރައްޔިތުން ކައިރީގައި މިވާހަކަ މިދައްކަނީ މިވަރުގެ ކަނޑުކޮސް، ތާކުންތާކު ނުޖެހޭ ބަޔަކު، އެހެންވީމަ މިބޭބޭފުޅުންނަށް ރާއްޖޭގެ ރަށްވިއްކިއްޔޭ ވިދާޅުވާނެ އެއްވެސް ޖާގައެއް ނެތް." ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކުގެ ސުވާލުތަކެއް މިކަމާ ގުޅިގެން އިބޫއަށް އަމާޒު ކިރެއްވިއިރު، މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ އިބޫއަށް ބޮޑެތި ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ނަމަވެސް ސީދާ ޖަވާބުދެއްވުމުގެ ބަދަލުގައި އިބޫ ވިދާޅުވެފައިވަނީ އެސުވާލުތަކަށް ޖަވާބު ދެއްވާނީ ވޯޓުން ކަމަށެވެ.

23 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހު ވޯޓުލުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އިބްރާހީމް މުޙައްމަދު ޞާލިޙް (ކެންޑިޑޭޓް ނަންބަރު 2) ވާދަކުރައްވާއިރު، ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް (ކެންޑިޑޭޓް ނަންބަރު 1) އެވެ. އިބޫގެ ރަނިންމޭޓެއްގެ ގޮތުގައި ފައިސަލް ނަސީމް ވާދަކުރައްވާއިރު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރީ

    ވަރަށް ރަގަޅު ސުވާލެއް. ނުހައްޤުން ގައުމުގެ ރިސޯސަސް އެއްވެސް މީހަކަށް ލިބިދީފައިވާނަމަ އެކަން އިންސާފުވެރި ގޮތަކަށް ބަލާ އެކަމުގައި ބައިވެރިވި އެންމެނަށް ހައްޤު އަދަބުދީ އެތަކެތި އަނބުރާ ގައުމަށް ހޯއްދައިދޭންވާނެ.

  2. ހިޓު

    ޕްރިޕެއިޑް ޝިއުނާއަށް ރަށްތައް ދިނީ ކީއްވެގެންތޯވެސް ސާފުކުރަން އެބަ ޖެހޭ. ބޭސް ގެންނަން މިލިއަނުން ރުފިޔާ ނަގާފަ، ގެނައި ބޭސްތައް ވީ ކޮންތާކުތޯވެސް އިބޫމެން ސުވާލުކުރަން އެބަޖެހޭ. ވޯޓަކާ ހަމައަށް ދާނީ އެއަށްފަހު

  3. ޢަލީ ހަމީދު

    އިބޫ ދޭނެ ޖަވާބެއް ނެތް..އެމްޑީޕީ ކުދިންނައް ތިޔަކަން ވަރައްސާފު..400 ފަޅުރައް ކާމިކަން އެނގޭ..މިފަހަރު ވެރިކަން ލިބިއްޖެނަމަ ބާކީ ހުރިހާ ފަޅުރައް ބަހާލާނެ..

    • ސީނު

      ރުއް ގުނޭނީ ވާވަރަށް ރުއްހުރި ރައްކޮޅެއް ލިބެގެނެންނު

  4. އަބްދުއްލާ

    ރިޔާސީ ގަނޑުވަރުގާ ހުރި ލޯންޗް ތަކުގެތެރެއިން ގެއްލިގެން ނުފެނިގެން އުޅުނު ލޯންޗެއްވާނެ. ގެއްލިގެން އުޅެނިކޮށް މައުލޫމާތު ލިބުނީ ދަތުރުފަތުރު ކުރަން ހަވާލުކުރި ބަޔަކަށް އެލޯންޗް ނަސީދު ދިނީކަމަށް .މައްސަލަޖެހިގެން ދާންފެށުމުން ފަހުން ލޯންޗް ފެނުނީ ހަލާކުވެ ވީރާނާ ވެފައިވާ އޮނިގަނޑެއްގެ ގޮތުގާ ތިލަފުށިން . މިލޯންޗް ގެ ޒިންމާ ނަސީދު އަށް ކުރުވާ ލޯންޗްގެ އަގު ނަސީދު އަތުން ދަވްލަތަށް ހޯދާދޭން އިބޫ އަށް ކެރޭނެތަ ؟

    • ރާއްޖެ

      ނަޝީދު އަންގައިފި އޭނާ އަކީ ކެމްޕެެއިން މެނޭޖަރު ކަމަށް.

  5. ނުނނު

    ކަލޭމެން އެއްވެސް ކަމެއްނުކުރަންދޯ ! ހަމަ އަލިފެއް ހެންދޯ ތި ތިބެނީ... ވ.ވާހަކަ

  6. ވަޒީރު

    ބަލަ ނިހާނޫ.....އެމީހުން އެކަންތައް އެގޮތަށް ކުރާތީއެއްނުން ވެރިކަް ވައްޓާލީ.....އެކަންކަމުގެ ތަހުގީގު ނުކުރީ ކީއްވތަ ހުރިހާބާރެއް އަތުގަ އޮތް އިރު...އެމެންނާ ތަމެންނާ ތީ ހަމަ އެކައްޗެއް...އެމީހުންވެސް ތަމެންވެސް ހަމަ ގުދޯގުދޯ ގޮވަނީ....