އެމްޑީޕީގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދައިގެން މިލިއަނުން ހަރަދުކުރުންވީ، ކަނޑުގައި އެޅި ރޮނގެއްފަދަ ކަމެއް ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި ނިހާން ވިދާޅުވީ، އެމްޑީޕީން 2008 ވަނަ އަހަރު ކުރީގެ ރައީސް މަޢުމޫނާއި، އޭރުގެ ވަޒީރުންނަށް ބޮޑެތި ދޮގު ތުހުމަތުތަކެއް ކުރި ކަމަށާއި، ވެރިކަމަށް ވަޑައިގެން ރިޔާސީ ކޮމިޝަނެއް އުފައްދައިގެން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރައްވައިގެން ރައްޔިތުންނަށް ދައްކާލާނެ ލިޔުމެއް ވެސް ހޯދިފައި ނުވާކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙް ނިސްބަތްވާ އެމްޑީޕީން 2008 ގައި ކުރީގެ ރައީސް މަޢުމޫންގެ މައްޗަށް ތުހުމަތުކޮށް އޭރުގައި ތިބި ވަޒީރުންގެ މައްޗަށް ހަމަ މިޒާތުގެ ތުހުމަތު ކުރި. ހަމަ ހިތުހުރިހާ ގޮތަކަށް މިކަން ކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން އުފެއްދި ރިޔާސީ ކޮމިޝަނުން 29 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށް ނިންމާލިއިރު ރައްޔިތުންނަށް ދައްކާލާނެ ޑޮކިއުމަންޓްގަނޑެއްހާ ހިސާބުވެސް ނެތް." ނިހާން ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވެފައި މިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެއްވިއްޖެނަމަ، ވެރިކަމަށް ވަޑައިގެން "އެސެޓް ރިކަވަރީ ޕްރޮގްރާމެއް" ހިންގަވާނެ ކަމަށާއި، އެޕްރޮގްރާމްގެ ތެރެއިން ދައުލަތުން ގެއްލިފައިހުރި މުދަލާއި ފައިސާ ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ އިސްތަށިފުޅުގައި ބޮޑު ދޮގު ތުހުމަތެއް އަޅުވައިގެން އެމްޑީޕީގެ ސަރުކާރުގެ ރިޔާސީ ކޮމިޝަނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެއްވި މަސައްކަތުން ރައީސް ޔާމީންގެ މައްސަލަ ތަނަކަށް ހުށަހަޅާނެފަދަ ޑޮކިއުމެންޓެއް ވެސް ނުލިބުނީމަ، ދެން އަވަށްޓެރި ޤައުމެއްގެ ނޫހެއްގައި އެވާހަކަ ލިޔުއްވާފައި ހުއްޓާލެއްވީ ކަމަށް ނިހާން ވިދާޅުވިއެވެ.

"އިނގިރޭސިވިލާތުގެ ގްރޭންޑް ތޯޓަން ކިޔާ ކުންފުންޏަކަށް ނަވާވީހަކަށް މިލިއަން ދިވެހި ރުފިހާ ހަރަދުކޮށްގެން މިހާރުގެ ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވަރަށް ބޮޑު ނުބައި ތުހުމަތެއް އަޅުވައިގެން އެތުހުމަތުގައި ޑޮކިއުމަންޓްގަނޑެއް ލިބޭތޯ ތައިލެންޑާއި، މިޔަންމާއާއި، ސިންގަޕޯއާ މިތަންތަނަށް ދަތުރުކޮށް ވަރަށް ބައިވަރު މަސައްކަތްތައް ކުރި. އާހިރު ނަތީޖާއަކީ މީހަކަށް އެންމެ ކުޑަމިނުން ރައީސް ޔާމީންގެ މައްސަލަ ތަނަކަށް ލޮޖް ކޮށްލާނެ ފަދަ ޑޮކިއުމެންޓްގަނޑެއް ނުލިބުނީމަ އަވަށްޓެރި ޤައުމެއްގެ ނޫހެއްގައި މަސައްކަތްކުރާ މީހަކަށް މަދު ރުފިޔާކޮޅެއް ދީގެން އެތަނުގެ ނޫހުގައި އެވާހަކަ ޖައްސަވާލައްވާފައި އެވާހަކަ އެހިސާބުން ހުއްޓާލީ." އެމްޑީޕީގެ ވެރިކަމުގައި ރިޔާސީ ކޮމިޝަން އުފައްދައިގެން ކަން ކުރެއްވިގޮތް ސާފުބަހުން ނިހާން ތަފްސީލު ކޮށްދެއްވިއެވެ.

ނިހާން ވިދާޅުވީ، އެބޭފުޅުން އޭރު ގެންގުޅުއްވި ލިޔެކިޔުންތަކަކީ ޞައްޙަނޫން ލިޔުންތަކެއްކަން އެކަމުގައި އުޅުއްވި ބޭފުޅުންނަށް އެނގިލައްވާނެ ކަމަށާއި، ބޮޑު ހަރަދެއް ކޮށްގެން ކުރެއްވި މަސައްކަތެކޭ ކަނޑުގައި އެޅި ރޮނގެކޭ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

"އެބޭފުޅުން އަތުގައި އެ ޑޮކިއުމެންޓްތައް ހުންނާނެ، އޭގައި ޞައްޙަކަމެއް ނެތްކަން އިބްރާހީމް މުޙައްމަދު ޞާލިހަށް ވެސް، ކެރެނީގޭ މުޙައްމަދު ނަޝީދަށް ވެސް އަދި އެ ކޮމިޝަން ހެޑްކުރައްވަން ތިއްބެވި މީހުނަށްވެސް (އޭގެ ތެރޭގައި ހިމެނޭ ޝެއިޚް ހުސައިން ރަޝީދު އަހުމަދުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރުކަން ކުރައްވާފައިވާ ސަރަނގު އާދަމް މަނިކަށް ވެސް) ސާފުކޮށް އެނގިވަޑައިގަންނަވާނެ. ކަނޑުގައި އެޅި ރޮނގެކޭ އެމީހުން އެކުރި މަސައްކަތެކޭ ހަމަ އެއްވެސް ތަފާތެއް ނެތް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި އެސެޓްސް ރިކަވަރ ކުރުމުގެ ނަމުގައި 20 މިލިއަން ރުފިޔާ ދިވެހި ރައްޔިތުން އަތުން ގެއްލުވާލާފައިވާ ކަމަށާއި، "އެސެޓްސް ރިކަވަރީ ކޮމިޝަނެއް" އުފައްދަވާނަމޭ ބުނެ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރުވެސް ދައްކަވަނީ އެޒާތުގެ ދޯހަޅި ދެއުޅިއެއްނުވާ ވާހަކައެއް ކަމަށެވެ.

ޕީޕީއެމް އިން ތުހުމަތުކުރަނީ ސިޔާސީ ވެރިންނަށާއި، ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނަށް މިފަދަ ގޮތްގޮތަށް ބިރު ދެއްކުމަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލީމަ، އެމްޑީޕީން އާއްމުގޮތެއްގައި ކުރައްވާ ކަމެއް ކަމަށާއި، އެއީ ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަންތައްތަކެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް 33 ދުވަހަށް ވެފައިވާއިރު، ކެންޑިޑޭޓް ނަންބަރު 1 އާއެކު ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރައްވާއިރު، ކެންޑިޑޭޓް ނަންބަރު 2 ލިބިވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުއަށެވެ، އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަސްއައިނު:

    ނިހަާނު ތިބުނުއްވީ ހަމަރަނގަޅަށް. ކުށުން ފުރިގެން ތިބެ އެމްޑީޕީން މަސައްކަތް ކުރާނީ އަނިކުންގެ ކުއްދައްކަން. އިބޫ އަކަށް ވެރިކަމެއް ނުކުރެވޭނެ. އަންނިއަކަށް ވެކަންކުރާކަށްނޭގުނު. އިބޫގެ ނިޔަތް ގޯސް. ކުށްވެރިން ދޫކޮއްލުން. އަންނިވެރިކަންކުރާހިތުން މަރުވަނީ

  2. ޙަސްނާ

    ދެން އެކަންތައްތައް އޮއްބާލަން ސަރުކާރުން ހޭދަކުރި 119 މިލިއަން އަކީ ކޮންތާކު އެޅި ރޮނގެއްބާ !!

  3. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..