މާލެއާއި ރާއްޖޭގެ ރަށްތަކުގައި އަޟްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ތައްޔާރީތައް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މޫސުން ގޯސް ނުވާނަމަ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށާއި، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ވަމުން އަންނަ ކަމަށެވެ.

"ވާރޭ ނުވެހޭނަމަ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ ކަންކަން ކުރިއަށްދާނެ، ތައްޔާރީތައް ވަމުންދަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވިދާޅުވީ، 1439 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދު ކުރުމުގެ އިންތިޒާމު ވިލަރެސް ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށާއި، އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގައި އެ މިނިސްޓްރީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކާއި، ބައެއް ޖަމްއިއްޔާތަކުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވަމުން ގެންދަވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭގައި އަޟްހާ އީދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގެ (އެކުވެނި ދަނޑު) އިތުރުން، ޖުމްހޫރީ މައިދާން ހިމެނޭގޮތަށް އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކާއި، ވިލިމާލޭ ބޯޅަ ދަނޑުގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، ބޮޑު ޖަމާއަތަށް ހާޒިރުވާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި މާފަންނު ސްޓޭޑިއަމާއި، އިސްލާމީ މަރުކަޒު ވަށައިގެންވާ ބައެއް މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަޟްހާ އީދު ނަމާދުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ފުލުހުންނާއި، ސިފައިންނާއި، މޯލްޑިވްސް ކެޑޭޓް ކޯއާއި، ގާލް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނުގެ އިތުރުން އެމްޕީއެލް، އެޗުޑީސީ، އެމްޑަބްލިޔުއެސްސީ، ސްޓެލްކޯ އަދި ވެމްކޯއިން ބައިވެރިވަމުން ގެންދަވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ޕޮޕް ޖޯއީ، ޖަމްއިއްޔަތުއްސަލަފް، އަލް އަސްރު ޖަމްއިއްޔާ، މަހަލްދީބު ފައުންޑޭޝަން، ހިޖުރަ ޖަމްއިއްޔާ އަދި ޕީސް ފައުންޑޭޝަންގެ ފަރާތުންވެސް ބޮޑު ޖަމާއަތް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އިސްލާމިކް މިނިސްޓަރު "ވަގުތު" އަށް ވިދާޅުވީ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ރާއްޖޭގެ ގިނަ ރަށްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، އެރަށްތަކަށް ދޭންޖެހޭ ހުއްދަ ދޫކުރައްވާފައިވާ ކަމަށެވެ.

"އަތޮޅު ތެރޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ހުއްދައަށް އެދުނީމަ އެ ހުއްދަ ދެމުންއައީ، މިކަމަށް އަތޮޅުތަކުން ވަރަށް ބޮޑަށް ތަރުހީބު ލިބިފައިވޭ. ހުރިހާ އަތޮޅަކުން ކަހަލަ ގޮތަކަށް ވަރަށް ގިނަ ރަށްރަށުން ހުއްދައަށް އެދުނު، ހުއްދައަށް އެދުނު ކައުންސިލްތަކަށް އެކަމުގެ ހުއްދަ ދީފައިވާނެ." އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވިއެވެ.

އީދު ނަމާދުކުރުން އެންމެ ރަނގަޅީ ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި ކަމަށް އިލްމުވެރިން ވިދާޅުވާއިރު، 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުން ގެންދެއެވެ.