ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފުވައްމުލަކާއި، ގދ.ތިނަދޫގެ ރައްޔިތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދަންނަވާނީ އާނއެކޭ ކަމަށާއި، އެ ރައްޔިތުންނާ މެދުގައި ވަރަށް އުއްމީދު އެބައޮތް ކަމަށް ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ، ކެމްޕޭން ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއާއި، ގދ.ތިނަދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން މީޑިއާއާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައްޔިތުންނާ މެދުގައި ވަރަށް އުއްމީދު އެބައޮތް. ތަކުރާރުކޮށް މިދަންނަވަނީ އެ ރައްޔިތުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދަންނަވާނީ އާނއެކޭ." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މިދަތުރުފުޅުން ފާހަގަވެގެން ދިޔައީ ރައީސް ޔާމީނަށް އޮތް ތާއީދު ބޮޑުކަން ކަމަށާއި، އެހެންކަމުން ރިޔާސީ އިންތިޚާބު ތަނަވަސް އަޤްލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެކަން ޔަޤީންކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދެއަތޮޅަށް ގޮސް ކުރި ދަތުރުތަކުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ރައީސް އަށް އޮތް ތާއީދު ވަރަށް ބޮޑުކަން، އެހެންކަމުން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ މާތް ﷲ އިރާދަކުރެއްވިއްޔާ ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން 23 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަން." ރިޔާސީ އިންތިޚާބަށް ކުރައްވާ އުއްމީދު ހާމަކުރައްވާ ޝަހީމް ވިދާޅުވިއެވެ.

މި ދެރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ދެރަށުގެ ވަރަށް ގިނަ ގޭބީސީތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޙާއްޞަކޮށް ޒުވާނުންނަށް ބޭނުންވާ ބައެއް ކަންތައްތަކާއި، ޒުވާނުންގެ ބައެއް ހާޖަތްތަކާ ބެހޭގޮތުން ޒުވާނުންނާވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިހާރު ސަރުކާރުން ޒުވާނުންނަށްޓަކައި ޤާއިމުކޮށްދެއްވާފައިވާ އަގުހުރި ވަސީލަތްތަކުގެ އަގުވަޒަން ކުރާ ވާހަކަ ޒުވާނުންގެ ފަރާތުން އަޅިގަނޑު އަޑުއެހިން، ރައްޔިތުންގެ ފަރާތުން އަޑު އެހީމު، ރަށްތަކަށް އަންނަ ތަރައްޤީގެ ވާހަކަ އަޅުގަނޑު އަޑުއެހީމު" ފުވައްމުލަކާއި ތިނަދޫގެ ރައްޔިތުންގެ ޝުއޫރާ ގުޅޭގޮތުން ޝަހީމް ވިދާޅުވިއެވެ.

"ފުވައްމުލަކުގެ ނަރުދަމާގެ މަޝްރޫއަކީވެސް ރާއްޖޭގައި ޤައިމުކުރާ އެންމެ ބޮޑު މަޝްރޫއު. އެހެންކަމުން ފުވައްމުލަކުގެ ރައްޔިތުން އެ މަޝްރޫއުތަކުގެ އަގުވަންކުރޭ ވަރަށް ބޮޑަށް. އަދި ހަމަ އެހެންމެ ތިނަދޫގެވެސް ފްލެޓްތަކާއި، ޒުވާނުންގެ މަރުކަޒާއި، ބަނދަރާއި، އަދި ހިއްކާފަ އޮތް 55 ހެކްޓަރުގެ ބިމަކީ މިސަރުކާރުގެ ތަރައްޤީ، ހަޤީގަތުގައި އެ ރައްޔިތުން މިކަންކަން ވަރަށް ބޮޑަށް އަގުވަޒަންކުރޭ." ޑރ.ޝަހީމް ވިދާޅުވިއެވެ.

ފުވައްމުލަކާއި، ގދ.ތިނަދޫގެ އެންމެހާ ރައްޔިތުން ޝަހީމްއާއި ރައީސް ޔާމީނާ މެދުގައި ބަހެއްޓެވި ގާތްކަމާއި، ފާޅުކުރެއްވި ހެޔޮ ޝުއޫރުތަކަށްޓަކައި ޝަހީމް އެރައްޔިތުންނަށް ފަށްފަށުން ޝުކުރުދެންނެވިއެވެ.

ރިޔާސީ އިންތިޚާބަށް 33 ދުވަހަށް ވެފައިވާއިރު، ޑރ.ޝަހީމް ގެންދަވަނީ ރައީސް ޔާމީނަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރައްވަމުންނެވެ. އަދި ރަސްމީ ދަތުރުފުޅުތަކެއްގައި ރައީސް ޔާމީންވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ދަތުރުކުރައްވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސިލްމާ ހާރޫނު

  އިން ޝާ އަﷲ! ރައީސް ޔާމީނަށް ބޮޑުތަނުން ރައްޔިތުން އާއެކޭ ބުނާނެ! ލޮލަށް ޙއްޤު ފެންނަ ، ކަންފަތަށް ޙަޢޤުގެ އަޑުއިވޭ ، ސިކުޑިޔަށް ހަމަބުއްދި ކުރެވޭ ، ހިތުގައި ނިފާޤުގެ ބަލިމަޑުކަން ނެތް ކޮންމެ ދިވެއްސަކު ރައީސް ޔާމީނަށް ވޯޓުދެއްވާނެ! ރައީސް ޔާމީން ވެރިކަމާ ޙަވާލުވިއިރު ރާއްޖެއޮތް ނިކަމެތި ޙާލަތު މި އަދާ އަޅަ ކިޔާނެ!

 2. ނަސްރު

  އިން ޝާ އަﷲ ރައީސް ޔާމީނަށް ބޮޑުތަނުން ރައްޔިތުން އާއެކޭ ބުނާނެ

 3. ހުދުބޯ

  އުންމީދެއް ދޯ އޮތީ. ޔަގީން ކަމެއް ނޯންނާނެ އިންސާފުން ކަންތައް ކޮށްފިއްޔަކާ.

 4. Anonymous

  ޝަހީމޫ ކޮބާ ގއ.އަތޮޅު؟؟؟؟؟؟؟؟؟؟؟؟؟؟ އޭރު ބުނި ގއ.ހަބޭސް އޭ މިހާރު ޏ ގދ

 5. ރޫރޫ

  މާބޮޑަށްފޮނިނުކަނޑާތި

 6. އިސްމާޢިލް

  ވަލިއްޔުލް އަމްރައް ކެރިވަޑައިގަންނަވާތޯ ކެމްޕޭނައް ރައްޔިތަކާ ބައްދަލުކުރަން.ދެން ލަލަލާ.

 7. ބޮނަކު

  ނަސްރު ލިބޭނެ. ނިކަން މުސްލިމުވާނެ. ރައީސްކަން ލިބޭ ދުވަހަކުން ހާދަ ފޮންޏެއްވެސް ވާނެޔޭ.