1439 އަހަރުގެ އީދާއި ގުޅިގެން، އީދުގެ ފޯރި ގަދަ ކުރުމަށް ކޮންމެ ރަށެއްގައިވެސް ތަފާތު ކުޅިވަޅުތައް ކުޅުމަށް ހަމަޖެހިފައިވާއިރު، މާލެ އަތޮޅު ކާށިދޫގައިވެސްވަނީ ގިނަ ކަންތައްތަކެއް އީދާއި ގުޅިގެން ރާވާފައެވެ.

އީދުގެ ފުރަތަމަ ދުވަސް

އީދު ނަމާދަށްފަހު ކާށިދޫގައި، އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އީދު ސައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޔުނައިޓެޑް މުޝްތަރީ ވަނީ ރަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ހަވީރު ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ނިންމާފައެވެ.

އީދު ދުވަހުގެ ރޭގަނޑު ހަވާގެ ކުޅިވަޅުތައް، ރޭގަނޑު 9 ގައި ފުލުހުންގެ ފަރާތުން ފަށަން ހަމަޖެހިފައިވާއިރު، ދާދި އެކުގައި ކަހަލަ ގޮތަކަށް އީދަށް ޚާއްސަ މިއުޒިކް ޝޯއެއް ވެސް ވެންޗަރ ކްލަބުގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އީދުގެ ދެވަނަ ދުވަސް

އީދުގެ ކުޅިވަޅުތައް ފެށެނީ އީދުގެ ދެވަނައަށްވާ ބުދަ ދުވަހުގައެވެ. އެ ދުވަހު ފުރަތަމަ އޮތީ ކުޑަކުދިންނަށް ހާއްސަކޮށްގެން އެ ރަށުގެ ސްކޫލްގައި އޮންނަ ޖޫނިއާ ރިލޭ ރޭހެކެވެ.

ހަވީރު ބޮޑުބެރުގެ ހަރަކާތްތަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ހަވީރް 5 ކާއި 9:30 ދޭތެރޭ މަސްރޭހެއް ވެސް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ. ނަމަވެސް އެރޭގެ 9 ކުން ފެށިގެން ބޮޑުބެރުގެ ހަރަކާތްތަކާއި ކާށިދޫ ސިއްހީ މަރުކަޒުން އިސްނަގައިގެން ކުރިއަށް ގެންދާ ވާދެމުމުގެ ހަރަކާތާއި ޔުނައިޓެޑް މުޝްތަރީގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިރުވެރި ހޮހޮޅައިގެ ކަންތައްތައް ވެސް ކުރިއަށް ދާނެއެވެ.

އީދުގެ ތިންވަނަ ދުވަސް

އީދުގެ ތިންވަނައަށް ވާ ބުރާސްފަތި ދުވަހުގެ ކުޅިވަޅުތައް ވެސް ވަކި މަދެއް ނޫނެވެ. ފުރަތަމަ އެ ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ހެނދުނު ބާއްވާ ރިލޭ ރޭހެއްގެ ފޯރިގަދަ ހަރަކާތުންނެވެ.

"އެންމެ ވަރުގަދަ މީހާ" ގެ ނަމުގައި ހަވީރު 4 ގައި ސްޓެލްކޯގެ ފަރާތުން ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު، އޭގެ އެއްގަޑިއިރު ފަހުން ރަށު ކައުންސިލްގެ ފަރާތުން ރިލޭ ރޭހެއްވެސް ބާއްވާނެއެވެ.

ކާށިދޫ ސަގާފީ ޓީމްގެ ފަރާތުން ރޭގަނޑު ބޮޑުބެރުގެ ހަރަކާތްތަކާއި ތާރަ ޖެހުންފަދަ ކަންކަން ކުރުމަށް ހަމަޖެހިފައިވާއިރު، މުޝްތަރީގެ ފަރާތުން އެރޭވެސް ބިރުވެރި ހޮހޮޅައިގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އީދުގެ ފަހު ދުވަސް

އީދުގެ ފޯރި ނިންމާލުމަށްޓަކައި ހުކުރު ދުވަހު ހަވީރު ތަޤާފީ ޓީމްގެ ފަރާތުން މާލި ކުޅިވަރުތައް ކުޅޭއިރު، ކާށިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން "ޓްރެޝާ ހަންޓް" ގެ ނަމުގައިވެސް ހަރަކާތެއް ކުރިއަށް ގެންދާނެއެވެ.

އެރޭ ސިއްހީ މަރުކަޒުގެ ފަރާތުން ވާދެމުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، ހަމަ އެ ވަގުތު ތަގާފީ ޓީމްގެ ދަފި ނެގުމާއި މުޝްތަރީގެ ބިރުވެރި ހޮހޮޅައިގެ ކަންތައްތައްވެސް ކުރިއަށް ދާނެއެވެ.

އީދަށް އަލްވަދާއު ކިޔުމުގެ ގޮތުން އެންމެ ފަހު ކަމަކަށް އޮންނާނީ ކައުންސިލް ފަރާތުން އިންތިޒާމް ކުރާ ބާބަކިއުއެކެވެ.

ފޯރިގަދަ ކަންތައްތަކެއް އީދާއި ގުޅިގެން ކ. ކާށިދޫގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިވާއިރު، ކުދިބޮޑު އެންމެން މި އީދުގެ އުފަލުގައި ބައިވެރިވެ އުފާވެރި ވަގުތު ތަކެއް ހޭދަކުރާނެއެވެ.E