އިދިކޮޅު ޕާޓީތަކުން މިއަދު ކުރި މުޒާހަރާގެ ތެރެއިން މީހުން ހައްޔަރު ކުރަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށާއި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެންމެން ވަގުތުން މިނިވަން ކުރަން ޖުމްހޫރީ ޕާޓީއިން ގޮވާލައިފިއެވެ.

މިދިޔަމަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އާދަޔާ ހިލާފު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ ގައުމުގައި ޢަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލުމަކީ ޤާނޫނީ ކުށަކަށް ނުވާ އިރު، ޣައިރު ޤާނޫނީ އަމުރަށް ތަބާވެ، ފުލުހުންގެ މަދު ބަޔަކު ހިންގަމުން މިދާ ޤާނޫނާއި ޚިލާފު މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ދިއުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. ސަރުކާރުގެ މިއަމަލުތަކަކީ ބިރު ދެއްކުމުގެ އަމަލުތަކެއް ކަމުގައި ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިހްތިޖާޖްގެ ތެރެއިން ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު ހިމެނެއެވެ.

މީގެ އިތުރުން މިއަދު ހައްޔަރު ކޮށްފައިވާ ކޮންމެ ރައްޔިތަކު ވެސް ހައްޔަރު ކޮށްފައިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުން ލިބިދޭ ހައްގުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ޞުލްހަވެރިކަމާއެކު ތިއްބައި، އެއްވެސް އިންޒާރެއް ދިނުމެއްނެތި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ނުރުހުމުގައި ގަޔަށް އަތްލައިގެން ކަމަށް ބުނެ، ހައްޔަރު ކޮށްފައިވާ އެންމެން ވަގުތުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީން ގޮވާލާފައިވެއެވެ.

މީގެ އިތުރުން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، އެކި ތުހުމަތުގައި ބަންދުގައި ބައިތިއްބާއިރު މިފަހަކަށް އައިސް އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ހިންގަމުންދާ ކަމަށް ހައްޔަރީންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެފަދަ އަމަލުތައް އިސްލާހު ކުރުމަށް ޖުމްހޫރީ ޕާޓީން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިނުބެ

    ދިވެހި ހުރިހާ ރައްޔިތުން ޖޭޕީއަށް ގޮވާލަން ގާސިމް ދިވެހި ދައުލަތައް ދައްކަން ޖެހޭ ފައިސާ ދައްކަން. އަދި ދިވެހި ސަރުކާރަށް ގޮވާލަން ގާސިމް ސަރުކާރަށް ދައްކަން އޮތް ފައިސާ ވިލާ ކޮލެޖަށް ކިޔަވަންދާ ހުރިހާ ކުދިންގެ ފީ އިން އޮފްސެޓްކޮށް އެކުދިން އަތުން އެއްވެސް ފީއެއް ވިލާކޮލެޖުން ނުނެގޭގޮތަށް ހެދުން، ވިލާ ގޭސް ވިލާ ސިމެންތިންވެސް މިބީދައިން އަމަލު ކުރަން

  2. ރަޝީދާ / ދިއްދޫ

    ޖޭޕީން ގޮވާލަބަލަ ކަލޭމެންގެ ލީޑަރު ރައްޔިތުންނަށް ދަރާފައިވާ 119 މިލިޔަން ޑޮލަރު އަވަހަށް އަދާކުރަން!

  3. ޙގ

    މިހާރު އެދޫކޮށްލީ ލާރި ޕާޓީ ގޮވާލުމުން