ހދ.ނޮޅިވަރަމްގައި ރޭ ފަތިހު ދަން ޖެހިފައި ހުއްޓާ ފެނުނު އަންހެން މީހާ އަދިވެސް ވަޅުނުލާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
"ވަގުތަށް" ކަށަވަރު ވެފައިވާ ގޮތުގައި ދަން ޖެހިފައި ހުއްޓާ ފެނުނު އަންހެން މީހާގެ ހަށިގަނޑު އޮތީ އަދިވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ގެންދިޔައީ ފުލުހުންނެވެ.
އޭނާގެ ހަށިގަނޑު މާލެ ގެންނަން ފުލުހުން މަސައްކަތް ކުރާ ކަމަށް ބައެއް މީހުން "ވަގުތަށް" މައުލޫމާތު ދެމުން ބުންޏެވެ. ބައެއް މީހުން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އަންހެން މީހާގެ މަރުގެ ތަޙްޤީޤަށް ފުލުހުންގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީ ފަރާތަކުން ކަށަވަރެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން މީހާގެ މަރާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެވޭ ވަރަށް ކަންކަން ސާފުވުމުން މީޑިއާ އަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.