މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ 560 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އަލަށް ކިޔެވަން ފަށާ 500 ދަރިވަރުންނާއި މިހާރު ތައުލީމް ހާސިލް ކުރާ 60 ދަރިވަރަކަށް އެ ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހާމަކޮށްފައެވެ.

އަލަށް ހުޅުވާލި ލޯނުތަކަކީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރެގެން ކިޔަވަން ދޫކުރާ ލޯނެކެވެ. މި ލޯނުގައި ކިޔަވަން ބޭނުންވާ މީހުން އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ލޯނަށް ހުޅުވާލަ އެވެ. މިއީ މި އަހަރު ހުޅުވާލި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ ސަރުކާރުން މަތީ ތައުލީމަށް މިހާތަނަށް 4000 އަށް ވުރެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އަލަށް ހުޅުވާލި ފުރުސަތުގެ ދަށުން މަތީ ތައުލީމަށް ކިޔެވުމަށް ދޫކުރާ ލޯނުގެ ތެރެއިން ރާއްޖެ އިން ތައުލީމް ހާސިލު ކުރާ 330 ދަރިވަރުންނަށް ފުރުސަތު ދޭއިރު ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރާ 260 ދަރިވަރަކަށް ލޯނު ދިނުމަށް ވަނީ ނިންމައިފަ އެވެ.

ގައުމުން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދެނީ ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.

އަލަށް ހުޅުވާލި ފުރުސަތުގެ ދަށުން މަތީ ތައުލީމު ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނާސިން އާއި ޓީޗިން ގެ އިތުރުން މެޑިސިން ހިމެނެ އެވެ. މީގެ އިތުރުން ސްކިލް ޝޯޓޭޖްގައި ހިމެނޭ ކޯސްތައް ހިމެނެ އެވެ.

މި ލޯނުގެ ފުރުސަތު ތަކަށް ކުރިމަތިލާން ބޭނުންފުޅުވާ ބޭފުޅުނަށް ހަޔާ އެޑިއުކޭޝަނުން ފޯމް ދޫކުރާއިރު އެ އިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.