ހދ.ނޮޅިވަރަމުން ރޭ ފަތިހު ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު މާލެ ގެންދަން ފުލުހުން ނިންމާފައިވާ ކަމަށް "ވަގުތަށް" މައުލޫމާތު ލިބިއްޖެއެވެ.

ޝާހިދާގެ މަރާއި މެދު ޝައްކުތަކެއް އުފެދިގެން ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށާއި ޝާހިދާގެ މަރުގެ އިތުރު ތަޙްޤީޤުތަކަށް ހަށިގަނޑު މާލެ ގެންދިއުމަށް ފުލުހުން ބޭނުންވާ ކަން ފުލުހުން ޝާހިދާގެ އާއިލާ އަށް އަންގާފައިވާ ކަން ޝާހިދާގެ އާއިލާ އިން "ވަގުތަށް" ވަނީ ކަށަވަރު ކޮށްދީފައެވެ.

ޝާހިދާގެ ހަށިގަނޑު މާލެ ގެންދިއުމަށް ވާން ޖެހޭ ތައްޔާރީތައް ފުލުހުން މިހާރު ވަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ޝާހިދާގެ މަރާއި ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ނުދެއްވައެވެ.

ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ޝާހިދާގެ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހުން ބުނާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ދަން ޖެހިފައި ހުރި ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު ގެ ހިމެނޭ ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން މީހާގެ މަރާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެވޭ ވަރަށް ކަންކަން ސާފުވުމުން މީޑިއާ އަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްތިހާލު

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކޮންމެ ކަމެއް ވެނިމުމުން ޖެންޑާމަތިން ހަނދާންވެއެވެ.. ނަފުސާނީ ބައްޔެއް ހުންނަ އެ އަންހެން މީހާ 2 ދުވަސް ވާންދެން ގެއްލިގެން އުޅުނެވެ. އޭރުވެސް އަދި މިއަދާ ހަމައަށްވެސް 3 އަހަރު ދަރިޔަކު އެ އަންހެން މީހާ ބަލައެވެ. އޭރު ޖެންޑާ ކޮބައި ހެއްޔެވެ.. ކަންވީގޮތް ބެލުން ހެއްޔެވެ.

  2. ޙމމ

    ފިރިމީހާ އޭނާ މަރާލާފަ ދަންޖެއްސީ. ކުރިން ބުނި ވިއްޔާ ފަތިސް ނަމާދަށް ދިޔައިރު ނިދާފައޭ އޮތީ. ގޮސް އަންނަން ވާއިރަށް ތިގޮތައް ދަންޖެހެން ވަގުތު އޮންނާނެ؟

    ޖަސްޓް ގެސިންގް. ?