މަރާމާތު ކުރުމަށް އާސާރާ ބަންދުކޮށް މީހުން ވަޅުލުން ވަގުތީ ގޮތުން ހުޅުމާލެ ސަހަރާއަށް ބަދަލު ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހަތަރު ވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައި ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޒަމާންތަކަކަށްފަހު އާސަރަހާ ތަރައްގީ ކުރުމަށް ނިންމާ މި މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މާދަމާއިން ފެށިގެން ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެން ކަމުން މި މަސައްކަތާއި ގުޅިގެން އާސަރަހާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެފާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ، އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ނިމުނުހާ އަވަހަކަށް އެކަން އާންމުންނަށް އަންގާ އިއުލާނު ކުރާނެ ކަމަށެވެ.