ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" ތައާރަފް ކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

އާބަންކޯއިން ބުނީ، މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

މިގޮތުން މިފަހަރު 8 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ، ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި 1 ލައިޓް އަދި ހިޔާ ސަރަހައްދުގައި 1 ލައިޓް މިއަދުން ފެށިގެން ބޭނުން ކުރެވިގެން ދާނެ ކަމަށެވެ.

އާބަންކޯއިން ބުނީ މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެ ކަމަށާއި އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ޙާއްސަކޮށް މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރެވެމުންދެއެވެ. އަދި ހުޅުމާލޭގައި ދިރި އުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝާމް

    ހަަހހަހަހަހަ.. މިއީ ޓުރެފިކުލައިޓު ހުޅުވާދޭ ރައީސެއް.. ކެކެކެެ

  2. ސުލްތާން

    ނައީބް ރައީސް ވެއްޖެނުން ރައްޔިތުން ލަދުނުގަންނަވަން. މިއީ 2023 އިނގޭތޯ. ގައުމުގެ ވެރިން ޖެހޭތޯ މަގުބައްތި ހުޅުވާދީ ލިފްޓު ހުޅުވާ ރިބަން ކަނޑަން. ބުއްދީގެ ބޭނުން ހިފުން ވަރަށް މުހިންމު. ތިޔަ ދެއްކެނީ ވަރަށް ގޯސް މެެސެޖެއް. ގައުމާއި ގައުމުގެ ތަރައްގީއާއި މެދު ތިޔަ ދެވެނީ ވަރަށް ނެގެޓިވް މެސެޖެއް. ރާއްޖެއަކީ އެފްރިކާގެ ނިކަމެތި ގައުމެއް ނޫން. މި ގައުމާއި ގައުމުގެތަރައްގީ އާއި އަދި ވަތަނުގެ ޝަހުސިއްޔަތެއްއޮވޭ. އެޔަށް ހީނަރުކަން ދޭހަނުވާގޮތަށް އަމަލުތަށް ބެހެއްޓުމަކީ ވެރިންގެ މައްޗައް ލާޒިމްކަމެއް.

  3. ރަން ރީނދޫ

    މި ސަރުކާރުގެ މެގަ ޕްރޮޖެކްޓެއް

  4. އަބްދޫ

    މިހާރު ހުރިހާކަމެއް ކުރައްވަނީވެސް ރައީސުލޖުމްހޫރިއްްޔާ ފައިސަލްނަސީމް ދޯ

  5. އަލީ

    5 އަހަރު ވީއިރު ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީ 1 ބައްތި ޖަހާފަ ބައްތިއެެއް ތައާރަފުކުރުން ތީ ހަމަ ވަރައްބޮަޑުވަރެއް