ދިވެހި ރާއްޖޭގެ ކަންކަން މިހާރު ދަނީ ގޯހުން ގޯހަށް ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށްޓަކައި ހިތާ ފުރާނައިން ޤުރުބާންވާން ތައްޔާރަށް ހުރި ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އާއި ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދިވެހި ފަސްގަޑު ދެކެ އޭނާއަށްވުރެ ބޮޑަށް ލޯބިވާ ދެވަނަ އެހެން ފަރުދަކު ނުހުނާނެކަމަށެވެ.

ނާޒިމް ވިދާޅުވީ، ދިވެހި ކާބަފައިން ރެޔާދުވާ ހޭދަކޮށްގެން ބިނާކުރި ޤައުމާއި، ހޯދި މަސްކަނޑުތަކާއި، ލެޔާއި ފުރާނައިން ޤުރުބާންވެގެން ޙިމާޔަތްކުރެއްވި އިސްލާމްދީން، އަތުންދޫވެގެން ދާތަން ބަލަންހުންނަން އޭނާއަށް ކެތް ނުވާ ކަމަށާއި ޤައުމުގެ ވެރިންގެ ކުރިމަތީގައި ޝަހީދު ޢަލިރަސްގެފާނާއި، ޝަހީދު ޙުސައިން އާދަމްފަދަ އަބްޠާލުންގެ ލޭގެ ޤުރުބާނީއަކީ އެއްވެސް އެއްޗަކަށްނުވެ ދާތަން ފެނުމުން އެކަން ޤަބޫލު ކުރަން ވެސް ދަތި ކަމަށެވެ.

"މިރޭ މިތަނުގައި އަޅުގަނޑު ހުއްޓި ހުންނައިރުވެސް، އަޅުގަނޑުގެ ކަންފަތުގައި ގުގުމަމުންދަނީ، ޢުމުރުން އެންމެ 19 އަހަރުގައި އަޅުގަނޑު ކުރި ހުވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

"ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން، ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާން ވުމަށް ކެރިހުރެ މާތްﷲ ގަންދީ ކުރި ހުވާ. އަޅުގަނޑުގެ ހިތުގެ ވިންދަކީ މިއަދުވެސް މިއީ. އަދި އަޅުގަނޑުގެ ތާއަބަދުގެ ޢަޒުމަކީވެސް މިއީ." ނާޒިމް ވިދާޅުވިއެވެ.

ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި، އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީބާރުތަކުގެ ސަފުތަކުގައި ކަމަށާއި ސަލާމަތީ ބާރުތަކަކީ ޤައުމީ ސަލާމަތުގެ އެންމެ އިސް އަދި އެންމެ ފަހު ސަފު ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެނަސް މިއަދު ސިފައިންނާއި ފުލުހުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަމުގެ ހަމަނުޖެހުމުގެ ތެރޭގައި ތާށިކޮށްފައި ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލަމެޓާ

    ބައްލަވާ! ތިބޭފުޅާގެ މުޅި އުމުރު ތިޔަ ހޭދަ ކުރެއް ވީ ސިފައިންގެ ގޭގައި އަމަން ބަލަހައްޓަން އެތަނުގައި އެތަން ރަނގަޅު ކުރަން ތިބޭފުޅައާ އަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލު އުފެދޭ ؟ ނިކަން ބައްލަވާ އެތަނުގައި ހުރެގެން ވެސް ބެއްލެވީ ގައުމާއި ރައްޔިތުންނަށް ވުރެ ބޮޑަށް އެއްކަލަ ތިމަރައެޅި ރަށުގެ ރިޔާޒު ސާރ އެއްކޮށް އަމިއްލަ ޖީބަށް އެއްޗެއް ލެވޭތޯ ؟ މަނިއްޕުޅުމެން ކަހަލަ ސޮރުސޮރުން މިގައުމުގެ ތަޚްތަށް ރެދަލި ވެއްޖިއްޔާ ދެންވާނެ ގޮތް ވަރަށް ސާފް ގައުމެއްގެ ހިލަމެއް ވެސް ނުފެންނާނެ ކަން ޔަގީން.

    1
    1
  2. ނަމަ

    ތައްޔާރަށް ހުރީމަ ވޭތަ ނިކަން ކެރިގެން ޤުރުބާންވެބަލަ

  3. އެމްއެންޕީ މީޑިއާ އާޒިމް

    ދިވެހި ޤައުމު ސަލާމަތްކުރަން ބޭނުންވަނީ ނާޒިމްފަދަ ޤައުމީ ފަހުލަވާނެއް

  4. ނާޒިމް އެކަންޏެއްނޫން އަޅުގަނޑުވެސް ތައްޔާރު

    ދިވެހިރާއްޖެއަށްޓަކައި ނާޒިމް ހިތާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ހުންނެވިއިރު، އަޅުގަނޑު މިހުރީ ޤައުމަށްޓަކައި ހިތާއި ފުރާނަ އާއި މުދަލުން ( ޖާނާއިމާލުން) ވެސް ޤުރުބާންވާން ތައްޔާރަށެވެ. އަދި އަހަރުމެން ދެމީހުން ނޫނަސް ބާކީތިބި ހުރިހައި ލޮބުވެތި އެންމެހައި ދިވެހިންވެސް ތިބޭނީ ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރު ވެގެންކަން ޔަޤީނެވެ. އެހެނެކޭ ކިޔާފައި އޭގެން ކޮންމެ މީހަކަށް ވެރިކަމެއް ޙަވާލެއް ނުކުރެވޭނެ އެވެ. އަދި ވެރިކަމެއް ނުވެސް ކުރެވޭނެ އެވެ.

  5. ޢަލީ

    ވެރިކަމަށް އަންނަންވީމަ ހިތާއި ފުރާނަޔާއި ސިކުނޑި ވެސް ޤުރުބާން ކުރާނެ...ލޯބިވެރިޔާ ލިބޭތޯ ކިތަށް މިހުން ބާ އުޑުގައި ހުންނަ ތަރިތަކާއި އިރާއި ހަނދު ބާލަދެނީ...

  6. Anonymous

    ދިވެހިރާއްޖެ އަބަދުވެސް އޮންނަން ޖެހޭނީ ބޮޑުތަކުރުފާނު ދިވެހިދައުލަތް ބިނާކުރި އަސާސުގެ މަތީގައި !
    1/ ދިވެންނަކީ ސުއްނީ މުސްލިމުން
    /2 ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން
    3/ ދިވެހިރާއްޖެ އަކީ މިނިވަން މުސްތަޤިއްލު އިސްލާމީ ޤައުމެއް
    4/ ދިވެހިންގެ ބަހަކީ އަރަބި ތާނަ ދިވެހިބަސް !