9 މަސް ދުވަހުގެ ގަދަ ވޭނުގައި ބަނޑުގައި އަޅައިގެން ގެންގުޅޭ ތުއްތު ދަރިފުޅު ވިހައި، ބޮޑުވެ ފުރާ ފުރިހަމަވެ، މި ދުނިޔެމަތީގައި އެތައް ކާމިޔާބީތަކެއް ހާސިލް ކުރާތަން ދެކެން ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ބޭނުންވާނެއެވެ. އެހެން ކަމުން އެ ދުވަސް ދެކުމަށް އެ މައިންނާއި ބަފައިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ސ. މީދޫ ވެނިސް، އާމިނަތު ނާޒިމާ އާއި ސ. ހުޅުދޫ އިޝާން، މުހަންމަދު ނިޝާންގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު، އުމުރުން އެންމެ 8 މަހުގެ މިޝްކާ ބިންތި މުހައްމަދު ބިން ނިޝާން އަކީ އުފެދުމުގައި ހިތުގެ ގިނަ ގުނަ މައްސަލަތަކެއް ހުންނަ ތުއްތު ކުއްޖެކެވެ. މިޝްކާގެ ހިތުގައި ހުރި މައްސަލަތަކަކީ އެ ތުއްތު ފުރާނަ މި ދުނިޔެއާއި ވަކިވެ ހިނގައިދާން މަގުފަހިވެދާނެ ފަދަ ނުރައްކާތެރި މައްސަލަތަކެކެވެ. އެހެން ކަމުން މިއަދު މިޝްކާގެ މުސްތަގުބަލު މިވަނީ ބަނަވެ އަނދިރިވެފައެވެ. މިޝްކާގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އޭނާގެ މަންމަ އާއި ބައްޕަ ހުރީ ތައްޔާރަށެވެ.

މިޝްކާގެ ބަލި ހާލަތާއި ފަރުވާ ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މިޝްކާގެ މަންމަ ވަނީ "ވަގުތު އެހީ"އަށް މައުލޫމާތު ދީފައެވެ.

"ވިހެއި ފަހުން މި އިނގުނީ ހިތުގެ މައްސަލައެއް އިންނަކަން. އައްޑޫއަށް ވިހެއީ. ދެން އައްޑޫއިން ފޮނުވާލީ މާލެއަށް. އައްޑޫއަށްގޮސް ސްކޭން ހަދާލި އިރު މިޝްކާގެ ހިތުގެ އެއްފަޅި މަދު." ނާޒިމާ ބުންޏެވެ.

މިޝްކާ ބިންތި މުހައްމަދު ބިން ނިޝާން

މިޝްކާގެ ހިތުގައި ބޮޑެތި މައްސަލަތަކެއް ހުރުމާއެކު އެކަމަށް ފަރުވާ ހޯދުމަށް އާއިލާއިން މަސައްކަތް ފެށިއެވެ. އެގޮތުން އެންމެ ފުރަތަމަ މިޝްކާ ގޮވައިގެން ދިޔައީ، އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީީތާ ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް އޭރު ތުއްތު މިޝްކާގެ އުމުރުން ހަނގު ކަމުން ސާޖަރީ ހެދުން މާ ނުރައްކާ ކަމަށް ޑޮކްޓަރުން ނިންމިއެވެ.

"ދެން އޭރު ކުޑަ ކަމުން ސާޖަރީއެއް ކުރެވޭ ގޮތެއް ނުވި. ދެން އޮކްސިޖަންވެސް ނުހިފަހައްޓާ އެއްވެސް ގޮތަކަށް އޭރު. އޭރު އެމީހުން ފޮނުވާލީ ހަމަސް ފަހުން ( އަނބުރާ އަންނަން)، އެމީހުން އުންމީދު ކަނޑާލީދޯ ކުޑަކަމުން، ދެން ހިތުގެ އެއްފަޅި މަދުވީމަ ސާޖަރީއެއް ނުކުރޭ ގޮތަށް. ދެން އެމީހުން ވިދާޅުވީ ދުނިޔޭގައި އޮތް ނަމަ ހަ މަސް ފަހުން އަނެއްކާ އޮޕަރޭޝަނެއް ކުރެވޭތޯ ބަލަން ބޭނުން ކަމަށް." ނާޒިމާ ބުންޏެވެ.

އުމުރުން ހަތް މަހުގައި މި އަހަރުގެ ޖެނުއަރީ މަހުގައި މިޝްކާ ގޮވައިގެން އަނެއްކާވެސް އިންޑިއާއަށް ދިޔައީ ޑޮކްޓަރުންގެ ލަފާގެ މަތިން އޮޕަރޭޝަން ކުރުމަށެވެ. ޖެނުއަރީ މަހު މިޝްކާގެ ހިތުގައި ލޭ ދައުރު ކުރުމަށް ހޮޅިކޮޅެއް ނުވަތަ "ޝަންޓް" އެއް ވަނީ ހިތަށް ލައްވާފައެވެ.

"ޝަންޓުވެސް ބެލެންސެއް ނުވޭ ދޯ އެއްކަލަ ބޭބީ ކުޑަ ވީމަ، ކުޑަ ޝަންޓެއްތާ ލެއްވޭނީ... ދެވަނަ އޮޕަރޭޝަން އަސްލު ކުރަން ޖެހޭނީ ހަ މަސް ފަހުން އެކަމަކު ބޭބީ ބަލިވުމުގެ ސަބަބުން ޑޮކްޓަރު މި އޮންނަނީ އަވަސް ކޮށްލާފަ އަދި ދެމަސް ފަހުން ދެވަނަ އޮޕަރޭޭޝަން ކުރުމަށް. އެއީ މެއި މަހު."

މިހާރު މިޝްކާގެ ދެވަނަ އޮޕަރޭޝަން ކުރަން ކައިރިވަމުންދާއިރު މިޝްކާގެ ހާލަތު އަދިވެސް ރަނގަޅެއް ނުވެއެވެ. މިޝްކާއަށް ބޭސް ދިނުމުގެ ސަބަބުން އެ ކުއްޖާގެ ހަށިގަނޑުގައި މިހާރު ވަރު ނުހުންނަ އިރު، ބަރުދަން ވެސް ވަރަށް ލުޔެވެ.

"މިހާރު އޮކްސިޖަން އަނެއް ގޮތަކަށް ރަނގަޅު ދެއްތޯ. އެކަމަކު ވަރަށް ބަލިކޮށް އޮންނަނީ. އެއްވެސް ވަރެއް ނެތިފަ. ބޭސް ދިނުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވަނީ އެހާ ގިނައިން. އަދި ފަސް ކިލޯ، މިހާރު އަށް މަސް ފުރިއްޖެ." ނާޒިމާ އަސަރާއެކު ކިޔައިދިނެވެ.

އޭނާ ބުނީ މިޝްކާއަށް އަދިވެސް ނޭވާލުމަށް އުނދަގޫވެގެން ރޮއެ ހަދާ ކަމަށެވެ. އެއީ ޕުއްޕާމޭއަށްވެސް އެންމެ ފުރިހަމައަށް ލޭ ދައުރުނުވެ ފުރިހަމައަށް މަސައްކަތް ނުކުރާތީ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އޮކްސިޖަން ދަށްވުމުގެ ސަބަބުން ޕްރެޝާ މަތިވެ، އެކަމުން މިޝްކާއަށް އުނދަތޫތަކެއް ކުރިމަތިވެއެވެ.

މިޝްކާ ބިންތި މުހައްމަދު ބިން ނިޝާން

"އަންނަ އޮޕަރޭޝަނަށް މެއި މަހު ދާއިރުގައި ގާތްގަނޑަކަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށް ލަފާ ކުރެވެެނީ. ފުރަތަމަ ކުރަނީ ހިތުގެ ދެވަނަ ސާޖަރީ. ކޮށްގެން ރަނގަޅުވީމަ އަނެއްކާ ހޮޅިތައް ވަކި ކުރަނީ. އެވެސް ބުނީ ގާތްގަނޑަކަށް ތިން ހަފްތާވާނެއޭ. ދެ ހަފްތާ ވަންދެން ކާން ނުދީ އައިިވީގައި ބާއްވަން ޖެހެނީ އެ ހޮޅިވަކި ކުރަން." އޭނާ ބުންޏެވެ.

މިޝްކާގެ އޮޕަރޭޝަނުގެ ހަރަދުތައް އާސަންދައިން ކަވަރު ކުރެއެވެ. ނަމަވެސް އިންޑިއާގައި ދެ މަސް ދުވަހު މަޑު ކުރުމަކީ މިޝްކާގެ އާއިލާގެ މާލީ ގާބިލުކަން ހުރި ގޮތުން ވަރަށް އުނދަގޫ ކަމެކެވެ. އެހެން ކަމުން މިޝްކާގެ މަންމަ އެދިފައި ވަނީ އިންޑިއާގައި މަޑު ކުރުމަށް ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޯށްދިނުމަށެވެ.

މިޝްކާގެ ބަލި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން މިޝްކާގެ މަންމަ އާމިނަތު ނާޒިމާގެ ފޯން ނަމްބަރު 7484050 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުމަށް އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އާމިނަތު ނާޒިމާގެ ބޭންކް އޮފް މޯލްޑިވްސް ރުފިޔާ އެކައުންޓް ނަމްބަރު 7716469353101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ މިޝްކާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަރީ

    އަވަސް ޝިފާއަކަށް އެދެން

  2. ޝިޔާމް

    މި ލޯބި ލޯބި ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާށި. އަދި ދުނިޔޭގެ ކަންކޮޅުުތަކުގައި ހާލުގައި ޖެހިފައި ތިބި އެންމެހާ އަހުންނާއި އުޙުތުންނަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން

  3. Anonymous

    އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި.

  4. ދުއާ

    އަވަސް ސިފާއަކަށް އެދެން

  5. ކެރީމާބޭބެ

    ﷲ ގެ ރަހްމަތް ތިޔަ ދަރިފުޅަށް ލައްވާނެ އިންޝާﷲ

  6. ރޮޒީ Shareef

    އަވަސް ޝިފާއަކަށް އެދެން

  7. ޙަމްނާ

    އަވަސް ޝިފާއަކަށް އެދެން

  8. Anonymous

    އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި

  9. ޭެެެެޔާމީން

    އަވަސް ޝިފާއަކަށް އެދެން ?

  10. ނަވާ

    ﷲ ގެ ރަހްމަތް ތިޔަ ދަރިފުޅަށް ލައްވާނެ އިންޝާﷲ

  11. Anonymous

    މިޝްކާ މިއަދު ނިޔާވެއްޖެ. Inna lillahi wa inna ilayhi raji'un