ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ދޮޅު އަހަރެއްގެ ވެރިކަމުގެ އަގަކީ ގައުމު 10 އަހަރު ފަހަތަށް ސޮއްސާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު  ސައީދު ވިިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އިދުކޮޅު އިއްތިހާދުގެ  ވެރިކަމެއް އަތުވެއްޖެނަމަ 5 އަހަރު ދުވަހު ވެރިކަން ކުރައްވާނެތޯ ކުރި ސުވާލަށް އިބޫ ސާފު ޖަވާބެއް ނުދެއްވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.

"ދޮޅު އަހަރެއްގެ ވެރިކަމެއްގެ އަގަކީ 10 އަހަރު ފަހަތަށް އަނެއްކާވެސް ގައުމު ސޮއްސާލުން. މީގެ ފައިދާ ނަގާނީ ގައުމާމެދު ހަސަދަވެރިވާ ފަރާތްތަކުން. މިއީ މަކަރުވެރި ރޭވުމެއް" މިނިސްޓަރު ސަައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވެފައި ވާއިރު އެމްޑީޕީ އިން އެންމެ ފުރަތަމަ އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމަނާފައި ވަނީ 18 މަސް ދުވަހު އިބޫ ވެރިކަން ކުރުމަށް ފަހު މަގާމުން ވަކިވާގޮތަކަށެވެ.

އެކަމާ  ގުޅިގެން އިބޫ އާއި ނޫސްވެރިން ސުވާލު ކުރެއްވުން ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ ގާނޫނުގައި ވާގޮތުން ވެރިކަމަށް އިންތިހާބު ކުރެވޭނީ ފަސް އަހަރަށްކަމަށެވެ. އެއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭ ގާނޫނަކުން ކަަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އެހެން ވިދާޅުވި ނަމަވެސް ރައީސްކަމުގައި ހުންނަވާ މީހަކު އިސްތިއުފާ ދޭން ބޭނުން ވުމުން އެކަން ކުރަން ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އެހެންކަމުން 18 މަސް ދުވަހަށް ފަހު ވެސް އަދި އޭގެ ކުރިން ވެސް އިބޫ ބޭނުންވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވޭނެއެވެ.

އިބޫ  އިތުރަށް ވިދާޅުވީ ވެރިކަމުގެ ދައުރަށް ބަދަލެއް ގެންނަން، ޤާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

"އެ ނޫން ގޮތަކަށް ދައުރެއް ކުރުކޮށް ދިގު ކުރެވޭ ކަށެއް ނޯވޭ. އެހެންވީމަ އެ ބަދަލުތައް ގެންނަ ކަމަށްވަންޏާ ގެންނަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން. އެކަންތައްތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހާމަ ކުރެވިގެންދާނެ" އިބޫ ވިދާޅުވިއެވެ.

18 މަސް ދުވަހުގެ ވާހަކަ އާއި ބެހޭގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އިބޫ ސާފު ޖަވާބެއްނުދެއްވާތީ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހާރެހެންދި

    ފިރުޢައުނާއި އަބޫޖަހުލާއި މިމީސް މީހުންނަކީވެސް ހަދާފައިވާ ބޮޑުސިންގާ ބިނާތަކެއްގެ މައްޗަށް ފަޚުރުވެރިވެ، އުޅުނުބައެކެވެ. އަދި އެމީހުންނަށް އިންސާނުންގެ ތެރެއިން ތާއީދު ކުރަމުން ގެންދިޔަ މީހުންގެ ޢަދަދަށް ބަލައި އަނިޔާވެރިވުމުގައި ޙައްދު ފަހަނައަޅާ ދިޔަމީހުންނެވެ. އެހެންކަމުން، އަބަދާއި އަބަދު ބްރިޖެއްގެ ވާހަކަ ދައްކަމުން ގެންދާއިރު، ހިތަށްއަރުވައިލާށެވެ. ބްރިޖެއްގެ އަގަށްވުރެ އެންމެ އިންސާނެއްގެ އަގުވެސް މާބޮޑެވެ. އެބަހީ، ބްރިޖާއި އެއަރޕޯޓާއި ހޮސްޕިޓަލުގެ އަގަށްވުރެ މައުމޫނުގެ އަގުމާބޮޑެވެ.

  2. ވެރިކަމެއްގެ އަގަކީ ކަމުގައި ތިޔަ ވިދާޅުވެވުނީ ގޯސްކޮށްނެވެ. އެއީ ދިވެހިބަހުގައި އަގު ބޭނުންކުރާ ގޮތާއި ޚިލާފު ގޮތެކެވެ. ވެރިކަމުގެ އަގު ލިބޭނީ ވެރިކަން ކުރި ބަޔަކަށެވެ. އެކަމަކު، މިނިސްޓަރު ވިދާޅުވާން ތި އުޅުއްވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވާނޭ ގޮތުގެ ވާހަކައެވެ. ދޮޅުއަހަރުގެ ވެރިކަމެއްގެ އަގު ރައްޔިތުންނަކަށް ނުލިބޭނެ އެވެ. ރައްޔިތުންނަށް ލިބޭނީ ނުވަތަ ފެންނާނީ ދޮޅު އަހަރުގެ ވެރިކަމެއްގެ ނަތީޖާއެވެ. އަސަރެވެ. ފޮނިމީރު ކަމެވެ. ނުވަތަ ހިތި ކަމެވެ. އަގެއް ނޫނެވެ.