ވިލާ އެއާރއަށް، މާމިގިލީ އެއާރޕޯޓް ހިންގުމަށް ހަވާލުކޮށް، ކުރިން ދީފައިވާ މުއްދަތު 99 އަހަަރަށް އިތުރު ކޮށްދިނުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގައިފައި ނުވާނެކަމަށް އޭސީސީއިން ބުނެފިއެވެ.

ކުއްޔަށް ދޫ ކުރާ މުއްދަތު 99 އަހަރަށް އިތުރު ކޮށްފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް ކޮމިޓީއިން ނިންމާފައިވާ ނިންމުމަކާއި އެއްގޮތް ވާގޮތުގެ މަތިންނެވެ. އެ ކޮމެޓީގައި ތިއްބެވީ ފިނޭންސް މިނިސްޓަރު – އަބްދުﷲ ޖިހާދާއި، ފިޝަރީޒް މިނިސްޓަރު – އަހުމަދު ޝަފީއާއި، ހައުސިންގް މިނިސްޓަރު – މުހައްމަދު މުއިއްޒާއި، ޓްރާންސްޕޯރޓް މިނިސްޓަރު – ޑރ މަރިޔަމް ޝަކީލާއާއި އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

ފާއިތުވި 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު އޭސީސީން ކޮރަޕޝަނުގެ އަމަލެއްވޭތޯ މި މައްސަލަ މި ވަނީ އިތުރަށް ތަހުޤީޤު ކޮށްފައެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު) ގައި ވާ ފަދަ އެއްވެސް ޢަމަލެއް ހިނގައިފައި ނުވާނެކަން އޭސީސިން ކަށަވަރު ކޮށްފައިވެއެވެ.

ނޮވެންބަރު 2011 ގައި ހުޅުވައިފައިވާ މާމިގިލީ އެއާރޕޯޓަކީ ޤާސިމް އިބްރާހިމް އަމިއްލަ އަށް ހައްދަވާފައިވާ އެއާރޕޯޓެކެވެ.