މާލެ ހިޔާ ކައިރީގައި އޮތް ހުސްބިމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕިއެމް)ގެ ރުމާލު 2 ޖަގަހަ ހެދުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އެ ޖަގަހަ ހެދުމުގައި ކޮރަޕްޝަންގެ މައްސަލައެއް އުޅޭކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ އޭސީސީން ބެލުމަށްފަހު މިދިޔަ ނޮވެމްބަރު މަހު ނިންމާފައިވަނީ އެކަމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ.

އޭސީސީން ބުނީ މާލޭގެ 353 ވަނަ ނަންބަރު ކޮށިން 2000 އަކަފޫޓުގެ އެ ބިން ޕީޕީއެމްއަށް ދޫކޮށްފައި ވަނީ އެތަން ތިން އަހަރު ދުވަހަށް ހިންގާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން ތިން ފަހަރު އިއުލާން ކުރުމުން އެންމެ މަތިން މާކްސް ލިބުމުން ކަމަށެވެ. އޭސީސީ އިން ބުނީ އެ ބިން ޙަވާލުކުރި އެ އެއްބަސްވުމުގައި އެބިން އެހެން ފަރާތަކަށް ކުއްޔަށް ނުދެވޭނެ ކަމަށް އަދި ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް ބުނެފައިނުވާ ކަމަށެވެ.

އަދި މިމައްސަލާގައި ޤާނޫނު ނަންބަރު 2000/2( ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާ ކަމަށާއި ޤާނޫނު ނަންބަރު 2008/13 (އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

ރުމާލު 2 ޖަގަހަ ހެދުމުގައި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓްގެ މުވައްޒަފުން ބޭނުން ކުރި ކަމަށް ބުނެ ވެސް އޭސީސީއަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ހުށަހެޅި ފަރާތާއި އެނގެން ނެތުމުން އެ މައްސަލަ ނުބަލަން ވަނީ ނިންމާފައެވެ.