ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ޞިއްޙީ ހާލަތު ގޯސްވެފައިވަނިކޮށް، ބަންދުކޮށްފައި ބަހައްޓާފައި ހުންނަ މާފުށީ ޖަލުން، ދޫނިދޫއަށް ބަދަލުކޮށްފިއެވެ.

މައުމޫން ރީފޯމް މޫވްމަންޓުގެ އިސް ބޭފުޅުއް ކަމަށްވާ އަލީމް ވިދާޅުވީ، މަޢުމޫން މާފުށިން ދޫނިދޫއަށް ބަދަލުކުރަން މާފުށިން ފުރާފައިވާ ކަމަށެވެ.

މާފުށީ ޖަލުން ދޫނިދޫއަށް މަޢުމޫން ބަދަލުކުރާއިރު، މަޢުމޫނުގެ ޞިއްހީ ހާލުކޮޅު ދެރަވެ އަންގާރަ ދުވަހު ވަނީ މާފުށީ ޖަލަށް މާލެއިން ޑޮކްޓަރުން ގެންގޮސް މަޢުމޫނަށް ފަރުވާދީފައެވެ.

ހަމައެއާއެކު ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ އެމަނިކުފާނު އާއިލާއާ ހަވާލުކޮށްދެއްވުމަށް އެމްޑީޕީ އިން ވަނީ އެދިފައެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މައުމޫންގެ ހާލުކޮޅު ގޯސްކަމަށް ރިޕޯޓުތައް ލިބެމުންދާތީވެ، ގުޅިފައިވާ ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި އެމަނިކުފާނަށް ބެނުންވާ ސިއްހީ ފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދީ އެމަނިކުފާނު މިނިވަން ކުރުމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ކުރީގެ ރައީސް މައުމޫން މިހާރު ޖަލު ބަންދުގައި ހުންނެވީ ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ޖުލައި 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައިވެ އެވެ. ޖަލު ބަންދުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ޞިއްޙީ ހާލަތު ދަށަށް ދާން ފެށުމުން ޢާއިލާއިން ވަނީ މަޢުމޫން ގޭބަންދަށް ބަދަލު ކޮށްދިނުމަށް ކޯޓާއި، ސަރުކާތުގައި އެދިފައެވެ. ނަމަވެސް މަޢުމޫންގެ ބަންދަށް ލުޔެއް ދިނުމަށް ކޯޓުން ވަނީ އިންކާރު ކޮށްފައެވެ.

މަޢުމޫންގެ ޞިއްޙީ ހާލަތު ހުރި ގޮތުން ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާއަރުވާފައިވާތީ، މަޢުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް މަޢުމޫންގެ ޣައިރު ހާޒިރުގައި، ވަކީލުންނާއެކު ކުރިއަށް ގެންގޮސްދެއްވުމަށްވެސް މަޢުމޫން ވަނީ ކޯޓުގައި އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓަވަރު

    މައުމޫނަށް ތިޔަ މޑޕ ބައިގަނޑުން ހެވެއް އެދޭނެތަ؟ އޭނަ ހަވަރަށް ދޭން ގޮވި މީހުންތީ! މިހާރު އަތުޖެހުނަސް އޭނާ ރޮލަށް ނޮޅާނެ ކަލޭމެން

  2. ޢުތަ

    ދޮގުހަދައިގެން އަންނި ބޭރުގައި، ދޮގުހަދައިގެން ޤާސިމް ބެރުގައި، ދެން މީގަވެސް ހަޤީޤަތް އިނގޭނީ ހެއްދެވި ފަރާތައް

  3. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    "لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا ويُوَقِّرْ كَبِيرَنَا