އަދާލަތު ޕާޓީއަށް ނިސްބަތްނުވާ ބަޔަކު ނޫސްވެރިންނާ ބައްދަލުކުރި ކަމަށް ބުނާ މައްސަލައެއް ތަޙްޤީޤް ކުރުމަށް ފުލުސް އޮފީހަށް އެ ޕާޓީން ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީން ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހު އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކަމަށް ބުނެ އެޕާޓީއަށް ނިސްބަތްނުވާ ބަޔަކު ނޫސްވެރިންނާ ބައްދަލުކޮށް ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިއާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ތަޙްޤީޤްކޮށްދިނުމަށް އެދި ފުލުސްއޮފީހަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީގައި އެޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލާފައިވާ 5 މީހެއްގެ ތަފްޞީލުވެސް ވަނީ ފޮނުވާފައެވެ.

އެ 5 މީހުންނަކީ ވ.ތިނަދޫ ރެޑް ހައުސް މުޙައްމަދު ރާޝިދާއި ހއ.މުރައިދޫ އަންގޫރުމާގެ ހުސައިން ރިޔާޟް އާއި ދަފްތަރު ނަމްބަރު 676 އިބްރާހިމް ޝަރާޙާއި ނ.މާފަރު ފަސްމީރު އަޙްމަދު ޙާޝިމެވެ.

އަދާލަތު ޕާޓީން ވިދާޅުވީ އެޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެ ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާންކުރާ ކުށަށް އެ ފަރާތްތަކުން އަރައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކާމެދު ޖިނާޢީ ތަޙްޤީގެއް ކޮށްދެއްވުމަށް އަދާލަތު ޕާޓީން ވަނީ ފުލުހުންގެ އޮފީހުގައި އެދިވަޑައިގެންފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އަދާލަތު ޕާޓީގެ ލީޑަރޝިޕުން ކަން ކުރަނީ ޕާޓީ އުފެއްދި މަގުސަދާއި ހިލާފަށް ކަމަށް ބުނެ އެ ޕާޓީގެ ލީޑަރޝިޕަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން އަދާލަތު ޕާޓީން ކަންކަން ކުރަމުންދަނީ ލީޑާރޝިޕްގެ ތިބި ދެތިން މީހެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަތްދޫނި

    ތިޔަ ކުދިންކޮލައް މިހާރު ހުންނާނީ ރާކަނިމަސް ކެވިފާ. މި ސަރުކާރުން ތިކަން ނުބެލިއަސް ދެންއަންނަ ސަރުކާރަކުން ތިކަން ބަލާ އެކަން ކުރި ބަޔަކަށް އެކަމުގެ ޙައްޤު އަދަބު ލިބެންޖެހޭނެ. އަދި އެކަމުގެ އަޑީގައި ތިބި ފަރާތް ތައްވެސް އެދުވަހަކުން ހާމަވެގެންދާނެ.

  2. އަސްތާ

    ފުރަތަމަ ހާޑިންހަމް އާ އެކީ ކުރިޔަށް ދޯ؟ ކެމްފެއިން ކުރުމުގައި ސާބަސް ކަލޯމެންނަށް.

  3. ނަސީމު

    ދެންއަންނަންއޮތީ ކޮންސަރުކާރެއްކަން ތިބާޔަތްއިގޭހެއްޔެވެ. ނިކަންބުނެބަލަ! މައެއްވާހަކައެއް ބުނެފާނަން! އިބޫގެ އިސްތިގުބާލުގައި ތިބެނީ ވަރަށްމަދުބައެއް މިއާޚިލާފަށް ޔާމީނުގެ އިސްތިގުބާލުގައި ތިބޭ ޢާއްމުން 500ގުނައިތުރު ދެންނަތީޖާހައްދަވާ ކުރިއަށްއޮތީ ކޮންސަރުކާރެއްތޯ