ސަރުކާރުން ގދ. މާވަރުލުގައި ތައްރައްގީ ކުރަމުންދާ އެއާޕޯޓުގެ މަސައްކަތުގެ ސްޕީޑް ގާތުން ބެލުމަށް ގެމަނަފުށީ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ކަމުވޮށިގެންވާ ބޭފުޅުން މާވަރުލަށް ޒިޔާރަތް ކޮށްފިއެވެ.

މި ޒިޔާތުގައި ގެމަނަފުށީ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރު ޖަމީލް އުސްމާން ބައިވެރިވެވަޑައިގެންނެވިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޖަމީލް އުސްމާން ވިދާޅުވީ، ގެމަނަފުށި ދާއިރާއަށް ނިސްބަތްވާ 150 އެއްހާ ޒުވާނުންނާއި ކަމުވޮށިގެންވާ ބޭފުޅުން އިއްޔެ މާވަރުލަށް ޒިޔާރަތްކޮށް އެ ރަށުގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އެއަޕޯޓްގެ މަސައްކަތް ވަރަށް ގާތުން ބައްލަވާލައްވާކަމަށެވެ.

" މިއަދު ގިނަ އަދަދެއްގެ ޒުވާނުނާއި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ މާވަރުލު އެއާޕޯޓް މައްސަކަތް ހިންގަމުންދާ ގޮތް ބަލާލުމަށް ވެދުމަކާއިގެން އެއާޕޯޓަށް ޒިޔާރަތްކޮއްފައި " ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ އެމްޓީސީސީ އިން އެއާޕޯޓުގެ މައްސަކަތް ގެންދާ ހަލުވި މިނަށް ބަލާފައި ޒުވާނުން ތިބީ ވަރަށް ހިންހަމަޖެހިންގެ ކަމަށާއި ޒުވާނުންގެ އުންމީދަނީ ކައިރި މުސްތަގުބަލެއްގައި އެއާޕޯޓުގެ މައްސަކަތް ނިމި ބޭނުން ކުރަން ފެށުން ކަމަށެވެ.

ދާއިރާގެ މެންބަރު ޖަމީލް އުސްމާން އިސްވެހުންނަވައިގެން މީގެކުން ވެސް އެދާއިރާގެ ޒުވާނުން ވަނީ އެ އެއާޕޯޓުގެ މައްސަކަތް ހިންގަމުންދާ ގޮތް ގާތުން ބެލުމަށް ޒިޔާރަތް ކޮއްފައެވެ.

ގދ މާވަރުލު އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަސް ތެރޭގައެވެ. މާވަރުލު އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 160 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.