އިއްޔެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ދޫކޮށްލައިފިއެވެ.

ދެބޭފުޅުން ވެސް ދޫކޮށްލީ ކޯޓަށް ހާޒިރު ކުރުމެއް ނެތި ފުލުހުންނެވެ.

ޝާހިދާއި ލަތީފް ދޫކޮށްލި ނަމަވެސް ފުލުހުން ވަނީ ދެބޭފުޅުންގެ މައްޗަށް ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައެވެ. އެހެންކަމުން އެމައްސަލައިގެ ތަޙްޤީޤަށް އަދި ދެބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރާނެ ކަމަށް ބެލެވެއެވެ.

ޝާހިދާއި ލަތީފް މިއަދު ހަވީރު ދޫކޮށްލި އިރު، އެ ދެ ބޭފުޅުންގެ މައްޗަށް ފުލުހުން ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތު ކޮށްފަ އެވެ.

ޝާހިދާއި ލަތީފް ދޫކޮށްލި ނަމަވެސް އިއްޔެ ހައްޔަރު ކުރި ކިނބިދޫ ދާއިރާގެ މެމްބަރު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ. ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެ. އެހެންކަމުން ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން އޭނާ ކޯޓަށް ހާޒިރެއް ނުކުރާނެއެވެ

.