އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހއ.މޮޅަދޫ ސްކޫލުގެ ގްރޭޑް އެކެއް، ދޭ އަދި ތިނެއްގެ ދަރިވަރުންނަށް ކޯސްޓްގާޑް އެވެެއަރނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިއްޔެ ހަވީރު ހއ.މޮޅަދޫގައި ކުރިއަށްގެންދެވުނު މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެރަށުގެ ހާބަރ ސަރަހައްދުގަޔާއި އެމްއެންޑީއެފް ނޮދަން އޭރިއާ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ފާމުލަދޭރި" ގައެވެ.

މި ޕްރޮގްރާމްގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ ބައެއް މަސައްކަތްތަކާއި ކަނޑުމަތީގައި ހާދިސާއެއް ހިނގައިފިނަމަ ކޯސްޓްގާޑުން ޢަމަލު ކުރާ ގޮތްތަކާ ގުޅޭ ގޮތުން ދަރިވަރުންނަށްވަނީ މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށް ހިންގި ކޯސްޓްގާޑް އެވެއަރނެސް ޕްރޮގްރާމްގެ ތެރެއިން – ފޮޓޯ: އެމްއެންޑީއެފް
މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށް ހިންގި ކޯސްޓްގާޑް އެވެއަރނެސް ޕްރޮގްރާމްގެ ތެރެއިން – ފޮޓޯ: އެމްއެންޑީއެފް

އަދި މީގެ ތެރެއިން ކަނޑުމަތީގެ ސަލާމަތްތެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތައް ދައްކާލުމާއި އެތަކެތި ބޭނުންކުރާނެ ގޮތްތައް ސްކޫލުގެ ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ. އަދި ދަރިވަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ދައްކާލުމަށްފަހު އަމަލީގޮތުން ވަނީ ފަރިތަކޮށްދީފައެވެ.

މީގެ އިތުރުން ސްކޫލުގެ ދަރިވަރުންނަށް ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް އެފްއައިސީ "ފާމުލަދޭރި" އަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ދީ އެފްއައިސީ އާއި ބެހޭގޮތުން މަޢުލޫމާތު ދީފައެވެ.

މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނެވެ.

އެއްދުވަހަށް ކުރިއަށްގެންދެވުުނު މި ޕްރޮގްރާމްގައި ސްކޫލުގެ 40 ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ބައިވެރިވެފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު