ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވާން ހުށަހެޅި 5،000 އަށްވުރެ ގިނަ މީހުންގެ ފޯމްތައް އިލެކްޝަންސް އިން ބާތިލްކޮށްފައިވާތީ، މިއަދު ހަވީރު އިލެކްޝަން ކޮމިޝަންގެ އިންތިހާބީ އިދާރާ (ބާޖަމާލުއްދީން) ކައިރިއަށް އެއްވި މީހުން ދުރަށް ޖެއްސުމުގެ ގޮތުން އެ ސަރަހައްދު ބަންދުކޮށްފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ވަނީ ވޯޓުލެވޭނެކަން ކަށަވަރުކުރަން ހުރިހާ އެންމެން މިއަދު ހަވީރު 16:00 ގައި އިންތިހާބީ މަރުކަޒު ކައިރިއަށް އެއްވުމަށް ގޮވާލިއިރު، އެކަމަށް އިޖާބަދީ މަދު ބަޔަކު އެ އިދާރާ ކައިރިއަށް ވަނީ އެއްވެފައެވެ. އެ ސަރަހައްދަށް އެއްވި މީހުން އެތަނުގައި މާބޮޑު ހަރަކާތެއް ނުހިންގާ ތިބިކަން ފާހަގަކުރެވުނެވެ. އެއްވެސް ވަަރެއްގެ ހަމަނުޖެހުމެއްވެސް އެތަނުގައި ހިނގާފައެއް ނުވެއެވެ.

އެތަނަށް އާއްމުން އެއްވުމުން ކުރިން ފުލުހުން ވަނީ ބާޖަމާލުއްދީންގެ ގޭޓާއި ދިމާލަށް ނުދެވޭނެހެން ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. ފުލުހުން ބަންދުކޮށްފައި ވަނީ އެ މަރުކަޒު ހުންނަ ނިކަގަސް މަގުގެ ވަކި ހިސާބަކުންނެވެ. ބައެއް މަޖިލިސް މެންބަރުންނާއި އާއްމުން އެ ސަރަހައްދަށް އެއްވެގެން އެތަނުގައި މާގިނައިރުވަންދެން ތިބެފައިނުވާއިރު، އެތަނުން އެއްވެސް ބަޔަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ބާތިލްކުރި ގިނަ ފޯމްތަކަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތައްކަން މިހާރު އެނގިފައިވާ ކަމަށެވެ. އަދި ވޯޓު އޮޅުވާލަން މުއައްސަސާތަކާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ދަނީ ބުނަމުންނެވެ.

ރީރަޖިސްޓަރ ވުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަ ކަން ކަށަވަރު ނުވާ 5000 އާއި 6000 ދެމެދުގެ ފޯމްތައް އެބަހުއްޓެވެ. ރީރެޖިސްޓްރޭޝަންގެ ސައްހަކަން ކަށަވަރުނުވާ ފަރާތްތަކަށް އަލުން ފޯން ހުށަހެޅުމުގެ ފުރުސަތު 27 އޯގަސްޓް އިން 29 އޯގަސްޓަށް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނު

    ބޮއްޅަބޭ، ތިތަނައްއެއްވީމަ ވޯޓުލެވޭތަ! ދެންވެސް އަވަހައް އޮޅުންބޮޅުން ފިލުވައިގެން ދީފައޮތް މުއްދަތުތެރޭގަ އަލުންފޯމުލެވޭތޯއެއްނު ބަލަންވީ

  2. ހުސޭނުބޭ

    ތިތަނަށް އެއްވެ އެކޮޅުކޮޅުންޖެހި އައްޕޯޑަން ކުޅުނަސް ރޯ ނުބައިކޮށް ފުރާފައި ހުންނަ ފޯމްތަކެއް ބަލައެއްނުގަންނާނެ! މިވަރު ނޭގޭ މޮޔައިން ތި ތަނަށް އެވާނީ!