ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރޭ ނިލަންދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕޭން ޖަލްސާ ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުގައި އޮތީ އިއްތިހާދެއް ނޫން ކަމަށާއި އެއީ އެމްޑީޕީ ކަމަށެވެ.

"އިދިކޮޅުގައި އެބައޮތްތޯ އިއްތިހާދެއް؟ ނޫން. އެއީ އެމްޑީޕީ. އިއްތިހާދުގެ ތެރޭގައި ކަންކަން ހިނގަމުން ދަނީ އެމްޑީޕީއިން ނިންމާ ގޮތަކަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އިދިކޮޅު ފަރާތްތަކުން މިހާރުވެސް ތިބީ ތަޅާފޮޅުން ގަނޑެއްގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރުގައި ޤާނޫނު އަސާސީއަށް އިސްލާހްތަކެއް ގެނައިން. އަދި 60 އަހަރުން މަތީގެ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށާއި ބިން މިލްކު ކުރެވޭނެ ގޮތަށް ފާސް ކުރިން. މި ކަންކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވާނީ އިދިކޮޅު ފަރާތްތަކުގެ ވޯޓާއިވެސް އެކު. ނަމަވެސް މިއަދު އިދިކޮޅުގައި ހިމެނޭ ޖުމްހޫރީ ޕާޓީއިން އެދަނީ ކޯލިޝަންއެއްގައި 60 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް އޮތް ގާނޫނު އުވާލަން ގޮވާލަމުން. ނަމަވެސް މިކަން ކުރަން އެމްޑީޕީއަކުން ބޭނުމެއް ނުވޭ. އެހެންވެ މިބުނަނީ އިދިކޮޅު ފަރާތްތަކުން މިހާރުވެސް ތިބީ އުފެދުމުގައި ވެސް ތަޅާފޮޅުން ގަނޑެއްގެ ތެރޭގައޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެކި އެކި ކުށްތަކުގައި ބޯޑެތި ހުކުމްތަށް އައިސްފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ކުށްވެރިން މިނިވަން ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރެއް ރާއްޖޭގައި އޮވެގެން ނުވާނެ ކަމަށް މީގެ ކުރިން އެންމެ ބޮޑަށް ވާކާލާތު ކުރީ ކުރީގެ ރައީސް ނަޝީދު ކަމަށާއި ރައީސް ނަޝީދު މިހާރު އެކުރައްވަމުން އެގެންދަވާ މަސައްކަތަކީ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަށް ރުއްސުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އިދިކޮޅު ފަރާތްތަކުން ކެމްޕޭން ކުރައްވަމުން އަންނަ އިރު ތައުލީމީ ނިޒާމު ހަރުދަނާ ކުރުމާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ވާހަކަތަށް ނުދައްކަނީ ކީއްވެ ކަމާއި މެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

"އިދިކޮޅު ފަރާތްތަކުން ކީއްވެތޯ ތައުލީމީ ނިޒާމުގެ ވާހަކަ ނުދައްކަނީ؟ ކީއްވެތޯ ސިއްހީ ނިޒާމުގެ ވާހަކަ ނުދައްކަނީ؟ ނަރުދަމާއާއި ބަނދަރު ހެދުމާއި މަގުތަށް ހެދުމަކީ މުހިންމު ކަންކަން. ނަމަވެސް ގައުމަށް މަދުވެގެން މިއުޅެނީ ގައުމީ މަސްލަހަތު އިސްކުރާ ހެޔޮ ލަފާ ދަރިން. އަދި ބޮޑެތި އިންވެސްޓްމެންޓްތަށް ގެންނަން ބޭނުން ނަމަ ހިއުމަން ކެޕިޓަލް އިތުރު ކުރަން ޖެހޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއެއް އަންނަން ޖެހޭ ކަމަށް ކެނޑި ނޭޅި ރައީސް ނަޝީދު ވިދާޅުވަމުން އަންނަ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"ކެނޑި ނޭޅި ރައީސް ނަޝީދު ވިދާޅުވަމުން އެގެންދަވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެ އަރަން ޖެހެއޭ، ބޭރުގެ އަސްކަރިއްޔާއެއް ރާއްޖޭގައި އޮންނަން ޖެހޭނެއޭ. އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެންވެސް ބޭރުގެ ފަރާތްތަށް ރާއްޖެ އެރުމަށް ރައީސް ނަޝީދު ގޮވާލެއްވި" ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހިން ވާގި އެދެންވާނީ އަވަށްޓެރި ގައުމުތަކުގެ ކިބައިން ނޫން ކަމަށާއި މާތް ﷲ ގެ ކިބައިންކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނުނިމެނީސް ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ގިނައިން މަސައްކަތް ކުރި ކަމަށާއި ވެރިކަމުގައި ހުރެވުނީ އަމިއްލަ މޮޅުކަމުން ނޫންކަމަށެވެ.

އަދި އިދިކޮޅުން ބޭނުންވަނީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވެއްދުމަށް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިދިކޮޅުން ގަބޫލެއް ނުކުރޭ މިގައުމުގައި ދިވެހިންގެ އަމިއްލަ އެއާޕޯޓެއް އޮވެގެންވާނެ ކަމަކަށް. އަމިއްލަ އަސކަރިއްޔާއެއް އޮވެގެންވާނެ ކަމަކަށް. އެބޭފުޅުން ބޭނުންވަނީ މިގައުމުގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން" ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    ސާބަހޭ ރައީސް ޔާމީން. މަނިކްފާނުއަށް އަބަދާއި އަބަދު ހެޔޮވިސްނުން ދެއްވާށި. އަދި 2018 އިންތިހާބުން ރައީސް ޔާމީންއަށް ކާމިޔާބު ދެއްވާށި. އާމީން.

  2. ފާތުން

    ސާބަހޭ ރައީސް ޔާމީން ރައީސް ޔާމީންއަށް ކާމިޔާބު ދެއްވާށި. އާމީން.

  3. ލައިލާ

    ރައީސް ޔާމީންއަށް ކާމިޔާބު ދެއްވާށި. އާމީން.

  4. މަގޭ ރައީސް

    އައްސަރިބަހާ ސާބަސް. ތިޔައީ އަޅުގަނޑުމެން މިދެކޭފަދަ ދިވެހި ވެރިއެއް. 2018 ގެ އިންތިހާބް ކާމިޔާބު ކޮސްދެއްވުން އެދި ﷲ ގެ ހަޒުރަތުގަެއި ދުޢާ ކުރަން. އާމީން

  5. ސަލާމު.

    ޜައީސް ޔާމީންއަށް الله ތައާލާ 2 ވަނަ ދައުރެއް ވެރިކަން ކުރުމަށްޓަކައި ދެއްވާށި އާމީން.

  6. ސަބްރީ

    ސާބަހޭ ރައީސް ޔާމީން. މަނިކްފާނުއަށް އަބަދާއި އަބަދު ހެޔޮވިސްނުން ދެއްވާށި. އަދި 2018 އިންތިހާބުން ރައީސް ޔާމީންއަށް ކާމިޔާބު ދެއްވާށި. އާމީން

  7. ރާއަލިފް

    އާމީން ޔާރައްބުއްލް އާލަމީން އާމީން... އިންޝާ ﷲ

  8. ހަފުސް

    އެމްޑީޕީ ގުންޑާއިން މިލިޔުން ނުކިޔަނީތަ ކޮމެންޓްކުަން ނުކެރެނީތަ ޖަޒުބާތުވެގެން ތިބޭނެކަމެއްނެއް އިރާދަ ކުރެއްވިއްޔާ ޔާމީނު މިއިންތިޙާބު ބޮޑުތަފާތުން ކާމިޔާބުކުރާނެ ވަރަށް ވެދުން.